އާސަންދައިން ފުރަތަމަ ފަހަރަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.
މި އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ ދިވެހި އެންމެހާ ރައްޔިތުންނަށްކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓަރވެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕުން ފެންނަން ހުންނާނެކަމަށެވެ. އަދި ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާ އަދި، ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފަ ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަޙުޤީޤުކުރާނެކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.
އެކުންފުނިން އިތުރަށް ވިދާޅުވީ މި އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުންކަމަށާއި މިވަގުތު ތަޢާރަފްކުރީ ހަމައެކަނި އެންޑްރޮއިޑް އެޕް ނަމަވެސް އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤްބަލެއްގައި އައި.އޯ.އެސް އެއް ވެސް ތަޢާރަފްކުރެވޭނެ ކަމަށެވެ.
އާސަންދައިން ވިދާޅުވީ މި އެޕްލިކޭޝަންގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ، އާސަންދަ ސްކީމްގެ ޚިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު ފެންނަން ހުރުމުންކަމަށް ގަބޫލުކުރާ ކަމަށާއި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެކަމަށެވެ.
ނަމަވެސް، އަވަސް މުސްތަޤުބަލެއްގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ޚިދުމަތެއްގެ ތަފްޞީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އާސަންދަ' ގެނަމުގައި މިއަދު ތަޢާރަފްކޮށްފައިވާ މި އެޕް މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.





ހިޔާލު
އައިޓިއުން ސްޓޯރަކުން ނުލިބޭ