ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް ބޯޑަރ މައިލްސް މިރޭ އިފްތިތާހު ކޮށްފިއެވެ.
ފަތުރުވެރިންނަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ މި ސުކީމް އިފްތިދާހު ކޮށްދެއްވައިފައިވަނި މިކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ހަރަކާތެއްގައި ފަތުރުވެރިކަމުގެ ވަޒީރު ޑރ. އަބްދުﷲ މައުސޫމެވެ.
އިމިގްރޭޝަނުން އިންތިޒާމުކޮށްގެން ތައާރަފުކުރި މި ސުކީމުގެ ދަށުން ފަތުރުވެރިންނަށް އެކި ކަހަލަ ގިނަ ފައިދާތަކެއް ރިސޯޓުތަކުން ލިބިގެންދާނެކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. މިގޮތުން މޯލްޑިވްސް ބޯޑަރ މައިލްސް ހިދުމަތްތައް ދިނުމުގައި ކޮންމެ ފަތުރުވެރިއަކަށް ލިބިފައިވާ ޕޮއިންޓްސް އަށް ބަލާއިރު ރާއްޖޭގެ ބޯޑާ ހުރަސްކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބިގެން ދެއެެވެ. އަދި ހާއްސަ މުނާސަބަތުގައި އިތުރު ޕޮއިންޓް ލިބިގެން ދެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސްއިން ލިބޭ ޕޮއިންޓްތަކުން ޓިއާ މަތިކުރެވޭއިރު މީގައި ޖުމްލަ ތިން ޓިއާއެއް ހިމަނައިފައި ވެއެވެ. މި ތިން ޓިއާއަކީ ބްރޮންޒް، ސިލްވާ އަދި ގޯލްޑް އެވެ.
މިއަދު ފާހަގަ ކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ފަތުރުވެރިކަމާ ރަށްރަށުގެ ތަރައްގީ" މިއެވެ.




