ރާއްޖެ އާއި އިންޑިއާ އާއި ދެމުދު ފަށާފައިވާ ކާގޯ ފެރީގެ ސަބަބުން ދެ ގައުމުގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ކުރައްވާފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން މޯދީ ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ޑައިރެކްޓް ފެރީގެ ހިދުމަށް ފެށުމަށް ދެ ޤައުމުން ކުރަމުން އައި އުއްމީދުތައް ހަޤީޤަތަކަށް ވެފައިވާކަމަށެވެ.
ދެގައުމުގެ ދެމެދުގައި ފަށާފައިވާ ކާގޯ ފެރީގެ ހިދުމަތާއިއެކު ދެ ގައުމުގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ސައްކު ނުކުރައްވާ ކަމަށް މޯދީގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މި ފެރީގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށްވެސް މޯދީގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެެވެ. މިއީ އުފާވެރި ދުވަހެއް ކަމަށް މޯދީ ވިދާޅުވިއެވެ.
It is indeed a happy day, President @ibusolih! Our dream of a direct ferry service between India and Maldives is now a reality. I have no doubt that it will promote bilateral trade and boost our economies. The Maldives-India friendship will continue to strengthen. ???? https://t.co/jhduOUhaEk
— Narendra Modi (@narendramodi) September 27, 2020
ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ދަތުުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.
ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ ކަމަށްވެސް ރައީސް ޞޯލިޙް ވަނީ ވިދާޅުވެފައެވެ.




