ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ޔުވެންޓަސް ބަލިނުވެ ސަލާމަތް ވެއްޖެއެވެ.
އިޓާލިއަން ސެރީއާގައި ރޭ ރޯމާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައިި ރޯމާއިން ލީޑު ނަގާފައިވާއިރު، 31 ވަނަ މިނަޓްގައި ވެރެޓޯޓު ކާމިޔާބުކޮށްދީފައިވަނީ އޭރިއާތެރެއިން ޔުވެންޓަސްގެ މިޑްފީލްޑަރު ރެބިއޮޓްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. ޔުވެންޓަސްއިންވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޕެނަލްޓީ އަކުންނެވެ. މެޗުގެ 44 ވަނަ މިނަޓްގައި ރޮނާލްޑޯ ކާމިޔާބުކުރި މިޕެނަލްޓީއަކީ އޭރިއާތެރެއިން ރޯމާގެ މިޑްފީލްޑަރު ޕެލެގްރިނީ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީއެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުވެންޓަސް ނަތީޖާ ހަމަހަމަކޮށްދިންނަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޯމާއިން ލަނޑެއްޖަހައި ދެވަނަ ފަހަރަށްވެސް ލީޑު ނެގިއެވެ. މިލަނޑުވެސް ރޯމާއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވެރެޓޯޓެވެ.
ރޯމާގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޔުވެންޓަސްއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހުރަހެއް އެޅިގެންދިޔައީ ދެވަނަ ރީނދޫކާޑާއެކު މެޗުގެ 62 ވަނަ މިނަޓްގައި އެޑްރިއަން ރެބޮއިޓަށް ދެއްކި ރަތްކާޑާއެކުގައެވެ.
ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ ޔުވެންޓަސްއިން ދެވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 69 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޑެނީލިއޯގެ ހުރަހަކުން ރޮނާލްޑޯ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.
RONALDO ?
Greatest Ever To Do It— ????? (@TotalElBicho) September 27, 2020
މިނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. ސީޒަންގެ ފުރަތަމަ މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ ސަމްޕްޑޯރިއާއާއި ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުންނެވެ.



