ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދަކީ ނަޒާހަތްތެރި، އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެއް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް އޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށް ބުނެ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައެޅުމާއި ގުޅިގެންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް ޢީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ޝަހީމް ރޭ ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި އެމަނިކުފާނަށް ކާމިޔާބު ދެެއްވުން އެދި ދުޢާކުރާ ކަމަށާއި އަޅުގަނޑު އަބަދުވެސް ދެކެނީ އެމަނިކުފާނަކީ ނަޒާހަތްތެރި، ޢިލްމީ، އަދި އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއްކުރައްވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
އަދި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
އެހެންކަމުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވިއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
މިމުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއޭއާއި އެކުންފުނީގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ވާނީ ލަފާދީފައި ކަމަށާއި މިމައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސް ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ވާނީ ލަފާދީފައި ކަމަށް ޕީޖީ އިން ވިދާޅުވިއެވެ.