ފޮޓޯ: ޑްރޯންޕިކްއާރު

ޅ އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޚާއްޞަ 5 ސަރަހައްދެއް ހިމާޔަތްކޮށްފި

ފާދިއްޕޮޅު (ޅ) އަތޮޅުގެ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ.ދަށުގިރި ފިނޮޅު ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި 5 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި، ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ފާދިއްޕޮޅުގެ 2 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައި ކަމަށާއި، އެއީ 1995 ސެޕްޓެންބަރު 27 ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، 1999 އޮކްޓޫބަރު 21 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދު ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާޢަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ފާދިއްޕޮޅުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިތަންތަން ހިމާޔަތްކުރުމުން މިކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓަރގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ 4 ސަރަހައްދަކާއި، ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ