ވެރިކަމަަށް ދެއަހަރުނުވަނީސް ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފި

ރާއްޖޭގެ ވެރިކަމަށް ދެ އަހަރު ނުވަނީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރިކޯޑެއް ގާއިމުކުރައްވާފައެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ކ. ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ޖުމްލަ 187 ރަށަށް ޒިޔާރަތްކުރެއްވިފައިވާ ކަމަށެވެ. މިއީ މީގެ ކުރިން އެއްވެސް ވެރިއަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެންފައިނުވާ މުއްދަތެކެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ 64 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރަތްކުރައްވާފައިކަމަށާއި، 148 ކައުންސިލަކާ ދެވަނަ ފަހަރަށް ބައްދަލުކުރައްވާފައިވާ ކަމަށްވެސް ހާމަކުރައްވާފައެވެ.

ތުލުސްދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން، އެބޭފުޅުންގެ ޚިޔާލު ހޯއްދަވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ގެނެސްދިނުން ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި ކައުންސިލްތަކާއި މުއައްސަސާތަކުގައި ތިބި ވެރިންގެ ގާތަށް އައިސް، ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ގާތަށް ދިއުމުގެ މުހިންމުކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ލިޔެކިޔުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ރައްޔިތުންނާ ސީދާ ބައްދަލުކުރުމުން ކަންކަން ހަލުވިކަމާއެކު ކުރިއަށް ގެންދެވޭ ކަމަށެވެ. "ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކުރަން ފަސޭހަވެގެންދޭ. މިސާލަކަށް ސިޓީ ފޮނުވުން. ސިޓީއަށް ޖަވާބު އަންނަން ދެން އެތައް ދުވަހަކު އެބަ މަޑުކުރަންޖެހޭ. ނަމަވެސް ރައްޔިތުންގެ ގާތަށް ދިއުމުން އަވަހަށް އެކަން ކުރެވޭ." ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަޢުދުވެވަޑައިގަތީ ރައްޔިތުންގެ ގާތަށް އައިސް، ހަލުވި ދުވެލީގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.

މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާފައެވެ. މިކަމުގެ ސަބަބުން، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ