ރިސޯޓް މަޝްރޫއާއެކު ކާށިދުއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފަށާނެ: ރައީސް

ކާށިދޫ ފަޅުތެރޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރިސޯޓް މަޝްރޫއާއެކު، އެ ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ކާށިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ކާށިދޫއަށް ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއް ޤާއިމުކުރެވޭނެކަމަށާއި، މިއީ ރަށުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފާހަގަކުރެއްވިގޮތުގައި ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮތް ރަށަކަށްވުމުން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުންވެސް ރަށަށް ކުރިއެރުން ލިބުން ވަރަށް މުހިންމެވެ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށް އިންވެސްޓަރެއް ހޯދުމަށް ސަރުކާރުން ކުރިން ހުޅުވާލިނަމަވެސް، ރަށް އޮތް ސަރަޙައްދާއި އުސޫލުތަކުގެ ސަބަބުން އިންވެސްޓަރެއް ލިބިފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، އިންވެސްޓަރުންނަށް އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހު އަލުން ހުޅުވާލާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކާށިދުއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. ޚިދުމަތް ދިނުމަށް ޕްލެޓްފޯމެއް ޤާއިމުކޮށް، ސީޕްލޭން އޮޕަރޭޓަރުންނަށް ފީސިބަލް ވާނީ ފަތުރުވެރިކަން އޮވެގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

"މި ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ ޢަމާޒެއް. ރިސޯޓް ހަދާނެބަޔަކުވެ، އެ މަސައްކަތް ފެށުމާއެކު ސީޕްލޭން ޝެޑިއުލް ދަތުރު ފަށާނަން. އެކަން ކާމިޔާބުވާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް." ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ރިސޯޓް މަޝްރޫޢުގެ އިތުރުން، ކައުންސިލުން ހިންގާ ރަށު ފަތުރުވެރިކަމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އެހީތެރިވެދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދާނެ ކަމެއްކަމަށާއި، ރަށުން ބޭރުގައި ދިރިއުޅޭ ރައްޔިތުން ރަށަށް ބަދަލުވުމުގެ ޝަޢުގުވެރިކަން އިތުރުވާނެކަމަށެވެ. ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތާއެކު އާރްޓީއެލްގެ ފެރީގެ ޚިދުމަތްވެސް ކާށިދުއަށް ފެށުމަށް ތައްޔާރުވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ކާށިދޫގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް މި ދަތުރުގައި ފަށާފައިވާކަމަށާއި، މިކަމުގެ ސަބަބުން އެކްސްރޭއާއި ސްކޭންގެ ޚިދުމަތާއި ކްލިނިކަލް ޖާގަ އަދި ބެޑް ކެޕޭސިޓީވެސް އިތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުގައި ވަރަށް އަވަހަށް ފިޒިއޯ ތެރަޕީގެ ޚިދުމަތްވެސް ފަށާނެކަމަށް ވިދާޅުވިއެވެ. ރަށަށް އެކަށީގެންވާ ޒަމާނީ ބަނދަރެއްގެ މުހިންމުކަން ފާހަގަކުރައްވައި، އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދޭ މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ހިމަނައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މީގެއިތުރުން، ކާށިދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް 1 ހެކްޓަރުގެ ބިން ހަމަޖައްސާފައިވާކަމަށާއި، ދިވެހި އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މި ފަދަ މަޝްރޫޢުތަކުގެ ސަބަބުން ކާށިދޫގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ