އަބަދުވެސް މަސައްކަތްކުރަނީ ބާސެލޯނާއަށް ފައިދާވާނެ ގޮތަށް : މެސީ

އެންމެ އިސްކަމެއްދެނީ ބާސެލޯނާއަށްކަމަށާއި، އަބަދުވެސް މަސައްކަތްކުރަނީ ބާސެލޯނާއަށް ފައިދާވާނެ ގޮތަށްކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

މުޅި ދުނިޔެ ސިއްސުވާލައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް މެސީ ހާމަކުރީ މިދިޔަ އޮގަސްޓްމަހުގެ ފަހުކޮޅުއެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގައި މަޑުކުރަން މެސީ ނިންމީ ރީތި ގޮތުގައި ކްލަބު ދޫކޮށްލަން ބޭނުންވާތީއެވެ.

ބާސެލޯނާއާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މެސީ ކްލަބު ދޫކޮށްލަން ނިންމިނަމަވެސް، ބާސެލޯނާއިން މެސީއަށް އެފުރުޞަތު ދީފައެއް ނުވެއެވެ.

ސްޕޯރޓަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން މެސީ ބުނީ، ގިނަ ދެބަސްވުންތަކަކަށްފަހު، މިކަމަށް ޙައްލެއް ގެންނަން އޭނާ ބޭނުންވާކަމަަށާއި، މިއީ ބާސެލޯނާގެ ހުރިހާ އެންމެން އެކަތި ގަނޑަކަށްވެ ކްލަބަށް ފައިދާވާގޮތަށް މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ. މީގެއިތުރުން މެސީއަށް ކުށެއް ކުރެވިފައިވާނަމަ އެކަމު ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށާއި، އޭނާ މަސައްކަތްކޮށްފައިވަނީ ބާސެލޯނާ އިތުރަށް ވަރުގަދަ ކްލަބަކަށް ހެދުމަށްކަމަށްވެސް ބުންޏެވެ.

އަދި މެސީގެ ޢަމަލުތަކުގެ ސަބަބުން ބައެއް ފަރާތްތައް ހިތްހަމަނުޖެހިފައި ހުރެދާނެކަމަށާއި، ނަމަވެސް އޭނާ އަބަދުވެސް މަސައްކަތްކޮށްފައިވަނީ ބާސެލޯނާއަށް ފައިދާވާނެ ގޮތަށްކަމަށްވެސް މެސީ ބުންޏެވެ.

މިދިޔަ ސީޒަން ހުސް އަތާ ނިންމާލަން ޖެހުނު ބާސެލޯނާއިން މިސީޒަން ފަށާފައިވަނީ މޮޅަކާއެކުގައެވެ. ލީގުގެ ފުރަތަަ މެޗުގައި ވިލަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ލީގުގެ ދެވަނަ މެޗުގައި ސެލްޓަވީގޯއާއި ދެކޮޅަށް ބާސެލޯނާ ނުކުންނާނީ މާދަމާ ރޭ 12:30 ގައެވެ.

މެސީ ބާސެލޯނާގައި މަޑުކުރަން ނިންމައިފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ