އުތީމު ޔުނައިޓެޑުން "އަލްމަރުޙޫމް ރަޝާދު ޙުސައިން މެމޯރިއަލް ސްކޮލާޝިޕް" އަށް ކުރިމަތިލުމަށް ހުޅުވާލައިފި

އަލްމަރުޙޫމް ރަޝާދު ޙުސައިން ހަނދާނުގައި އުތީމު ޔުނައިޓެޑް (ޔޫޔޫ) އިން "އަލްމަރުޙޫމް ރަޝާދު ޙުސައިން މެމޯރިއަލް ސްކޮލާޝިޕް" ގެ ނަމުގައި ސްކޮލާޝިޕެއް ހުޅުވާލައިފިއެވެ.

އުތީމު ޔުނިޓެޑުން "އަލްމަރުޙޫމް ރަޝާދު ޙުސައިން މެމޯރިއަލް ސްކޮލާޝިޕް" ގެ ދަށުން ހުޅުވާލާފައިވަނީ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ) އަށް ހުށައެޅުމުގެ ފުރުސަތެވެ. މި ސްކޮލާޝިޕްގެ ދަށުން މިއަހަރު މަދުވެގެން 5 ކުދިންނަށް ފުރުސަތު ދެވިގެންދާނެއެވެ. އަދި މި ސްކޮލާޝިޕް އަށް ހުށައެޅުމުގެ ފުރުސަތު އޮކްޓޫބަރު 5 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު މި ޕްރޮގްރާމަކީ 4 މަސްދުވަހުގެ ޕްރޮގްރާމެކެވެ.

އުތީމު ޔުނައިޓެޑްގެ ރައީސް އަބްދުރަހްމާން ޢަޤީލް ވިދާޅުވީ އެ ޖަމިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރުން ހިމެނޭ ކަމަށާއި އެގޮތުން ތަޢުލީމީ ދާއިރާ ކުޅިވަރު ދާއިރާ އަދި އިޖްތިމާއީ ދާއިރާ ހިމެނޭ ކަމަށާއި މި ސްކޮލާޝިޕްއަކީ އެ ޖަމިއްޔާއަށް ތައުލީމީ ދާއިރާއަށް ކުރެވޭނީ ކޮން ކަމެއްތޯ ވިސްނައި އެ ވިސްނުމުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.

"މި ސްކޮލާޝިޕްގައި އުތީމުޔުނައިޓެޑުން އެހީތެރިކަން ފޯރުކޮށްދޭނީ އުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްއަށް. އަޅުގަނޑުމެން މި ސްކޮލާޝިޕް ޓައިޓަލްއެއްގެ ގޮތުގައި ކަނޑައަޅާފައިވާނީ އަލްމަރުޙޫމް  ރަޝާދު ޙުސައިން މެމޯރިއަލް ސްކޮލާޝިފް. މިފަހަރު މި ސްކޮލާޝިޕްގެ ދަށުން 5 ސްލޮޓް ވަނީ ކޮންފާމް ކުރެވިފައި. އަދި ކުރިއަށްތަނުގައި މިއަށްވުރެ ގިނަ ސްލޮޓްތައް ދެވޭތޯ މަސައްކަތް ކުރަމުންދާނެ. އިރާދަކުރެއްވިއްޔާ އުތީމު ޔުނައިޓެޑްގެ ފަރާތުން މި ސްކޮލާޝިޕްތައް ކޮންމެ އަހަރަކު ކުރިއަށް ގެންދާނަން." އަބްދުރަހްމާން ޢަޤީލް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ނިންމުމަށްފަހު ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އެގޮތުން ބިޒްނަޒް، އައިސީޓީ އަދި ޓީޗިން އިން ޑިގްރީއަށް ކިޔެވޭނެއެވެ. މި ސްކޮލާޝިޕަކީ މައި ކޮލެޖާއި ގުޅިގެން ހުޅުވާލާފައިވާ ސްކޮލާޝިޕެކެވެ.

އަބްދުރަހްމާން އަގީލް އިތުރަށް ވިދާޅުވީ، މިކަމުގެ މަގްސަދަކީ އުތީމުގެ ދަރިންނަކީ ކަންކަމަށް ތަމްރީނުވެގެން ތިބި ބަޔަކަށް ހެދުމާއި ކަންކަމަށް ޤާބިލު ކުދިންތަކެއް އުފެއްދުން ކަމަށެވެ. އަދި މި ސްކޮލާޝިޕަށް އުތީމުން ކުދިން ނުލިބުނިއްޔާ އަތޮޅުގެ އެހެން ކުދިންނަށް ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް އުތީމުގެ ކުދިންނަށް އިސްކަމެއް ދޭނެ ކަމަށް އަބްދުރަހްމާން ޢަޤީލް ވިދާޅުވިއެވެ.

އުތީމު އުނައިޓެޑަކީ އުތީމުގެ މުޖުތަމައު ކުރިއެރުވުމަށް 2013 ވަނަ އަހަރު އުފައްދާފައިވާ ނޮން ގަވަރމެންޓް އޯގަނައިޒޭޝަން (އެންޖީއޯ) އެކެވެ. މި ޖަމިއްޔާއިން އުތީމުގެ ކުރިއެރުމަށް މަސައްކަތް ކުރާތާ މިހާރު 7 އަހަރު ވެއްޖެއެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި މި ޖަމިއްޔާއިން ވަނީ އެތަކެއް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ގްރީން ޕްރޮޖެކްޓްގެ ދަށުން އުތީމުގައި 1،000 ރުއް އިންދުމާއި ފުޓުބޯޅަ މުބާރާތްތަކާއި ކުޑަކުދިންގެ ހަރަކާތްތަކާއި ޢީދުގެ މުނާސަބަތު ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި އަދި މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފުނަ ޕްރޮގްރާމުން މުޅި ހއ. އަތޮޅުން 1 ވަނަ އުތީމު ޔުނައިޓެޑަށް ވަނީ ލިބިފައެވެ.

އުތީމު ޔުނައިޓެޑުން މި ސްކޮލާޝިޕް ހުޅުވާލާފައިވަނީ ހއ. އުތީމު ފިނިވާގެ އަލްމަރުޙޫމް ރަޝާދު ޙުސައިންގެ ހަނދާނުގައެވެ. ޙުސައިންއަކީ އުތީމު އުތުރުގެ އަލްމަރުޙޫމް ޙުސައިން ޤާސިމްގެ (ޙުސައިންބޭގެ) ފަސްދަރިންގެ ތެރެއިން  ހަތަރުވަނަޔަށް ހުރި ފިރެހެންދަރިއެވެ.

އަލްމަރުޙޫމް ރަޝާދު ޙުސައިން ގާތް ގަނޑަކަށް 1946 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެފައިވާއިރު ތަޢުލީމު  ޙާޞިލްކުރީ  އުތީމު މަކުތަބު ނުވަތަ އެދުރުގެއިންނެވެ. އަދި ކިޔަވައިދެއްވީ އެދުރުބެ ކުނރިބީ އަލްމަރުޙޫމް އަޙުމަދު ކަތީބެވެ.

އަލްމަރުޙޫމް ރަޝާދުޙުސައިނަކީ ވަރަށް ތޫނުފިލި އުނގެނުމުގައި ހިތްއަލި ކިޔެވުމަށް ރަނގަޅު ހިތްހެޔޮ ވަރަށްސާދާ  މީހެކެވެ. ޤުރުއާން ކިޔެވުމާ މައުލޫދު، ޅެން، އަދި ފަރިހި ކިޔުމުގައި މީހުން އަޑުއަހާހިތްވާފަދަ ރީތި ތަފާތު ރާގުތައް ކިޔާ ހުނަރުހުރި މީހެކެވެ.

1968 ން 1969 ވަނަ އަހަރާއި ހަމައަށް އިތުރަށް ތަޢުލީމު ޙާސިލް ކުރުމަށް މާލެ ގޮސް ޤުރުއާން، ދީނިއްޔާތު، އަދި ޙިސާބު ކިޔައިވައި ދިނުމުގެ ސަނަދުގެ އިތުރަށް މާލޫދު، ޒިކުރު އަދި ބުރުދާ ކިޔުމުގެ ސަނަދުވެސް ނެންގެވިއެވެ.

1969 ން ފެށިގެން އަލްމަރުޙޫމް ރަޝާދު ޙުސައިން ކިޔަވައިދިނުމުގެ މަސައްކަތް ކުރެއްވީ ރަށުން ބޭރުގައެވެ. އެގޮތުން  ފުރަތަމަ ހދ. ހަނިމާދޫ މަކްތަބާއި ހއ. ބާރަށު ދެކުނުއަވަށު މަކުތަބުގައި ކިޔަވައިދިނުމުގެ މަސައްކަތް ކުރެއްވިއެވެ.

1976 ގައި ރަޝާދު ޙުސައިން ބަލިވެގެން ރަށަށް އައެވެ. ރަނގަޅު ނުވެ ބަލި ބޮޑުވަމުންދާތީ އިތުރަށް ފަރުވާ ހޯދުމަށް  ދިއްދޫން، ކުޅުދުއްފުށިން އެހިސާބުންވެސް ރަނގަޅު ނުވެގެން އޭރުގެ ސަރުކާރުގެ ސެންޓުރަލް ހޮސްޕިޓަލުންވެސް ފަރުވާ ހޯދާ ރަނގަޅު ނުވެގެން ރަށަށް އައެވެ. ރަށަށް އައުމަށްފަހު 15 ވަރަކަށް ދުވަސް ނުވަނީސް އުމުރުން 1977 ވަނަ އަހަރު އުމުރުން އެންމެ 31 އަހަރުގައި ނިޔާވިއެވެ.

އަލްމަރުޙޫމް ރަޝާދު ޙުސައިންގެ ޢުމުރުން 19 އަހަރުހާތާ އުތީމު ފެންފިޔާޒުގެ އަލްމަރުޙޫމް ޙަސަން ޙުސައިންގެ ދަރި ފަތުޙިއްޔާ ޙަސަނާ ކާވެނި ބައްލަވައިގަނެފައިވާއިރު އޭނާގެ ހަތަރު ދަރިންތިބެއެވެ. އުތީމުގައި މިހާރުތިބި 55 އަހަރާ 60 އަހަރާ ދެމެދުގެ ގިނަ މީހުންނަކީ އަލްމަރުޙޫމް ރަޝާދު ޙުސައިން ކިޔަވައިދިން މީހުންނެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ