ލޯބީގެ ބަދަލު (02)

(ފުރަތަމަ އަދަދާއި ގުޅޭ)

"ތިއީ ވާހަކައެއްގަ ނޫނީ ފިލްމެއްގަ އުޅޭ ކުއްޖެއްތަ؟" އަނެއްކާވެސް ޔާސީން ސަމާސާކޮށްލިއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަންހެންކުއްޖަކު ފެނިގެން އަދި ދުވަހަކުވެސް އާރިމް އެހެންނެއް ނޫޅެއެވެ. ސްކޫލްގައި އުޅުނު އިރުވެސް އެތައް އަންހެން ކުއްޖަކު އާރިމް ފަހަތުން ލޯތްބަށް އެދި އާދޭސްކުރިތަން ޔާސީންއަށް ވަނީ ފެނިފައެވެ. އެހެންނަމަވެސް އާރިމްއަކީ އޭނާގެ ގޮތުގައި ހުންނަ މީހެކެވެ. އޭނާއަށް ކަމު ނުދަންޏާ ރީއްޗަށް އެކުއްޖަކާ ދިމާއަށް ބުނެއެވެ. އެހެންކަމުން އޭރު އޭނާވަނީ އެތައް ކުއްޖެއްގެ ހިތަށް އަނިޔާ ދީފައެވެ.

ރެއަކީ ކަޅުފޮއި ރީތި ރެއެކެވެ. އިރުވައި މޫސުމަށްވީނަމަވެސް ކޮންމެވެސް ވަރަކަށް ފިނފިނި ވައިރޯޅި ދިޔައީ ޖެހެމުންނެވެ. ރޭގަނޑު އަށެއް ޖެހިއިރު ޔާސީން ހުރީ އާރިމް ބަލާ ގެސްޓްހައުސްއަށް ގޮހެވެ. ދެ އެކުވެރިން އެތަނުން ނުކުމެގެން ދެން މިސްރާބުޖެހީ ނަޝާ މެންގެއަށް ދިއުމަށެވެ. އެކި ވާހަކައިގައި ތިބެގެން ސައިކަލުގައި ދުއްވާފައި މާގިނައިރެއްނުވެ އެގެއަށް ދެވުނެވެ. އެގެއަކ ވަރަށް ރީތިކޮށް ހަދާފައި ހުރި ގެއެކެވެ. ގޭގެ ދޮރޯށި މަތީގައި މާ އަޅާފައި އޮތް ބޮޑު ވެލެއް އޮތެވެ. އެވެލުގައި އަޅާފައި ހުރި މާތަކުގެ މީރު ވަސް މުޅި ހިސާބަށް ފެތުރިފައިވެއެވެ.

ގޭތެރެއަށް ވަތްއިރު ގޯތިތެރޭގައިވެސް އެކިވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ. ދޮރުން ވަދެގެން ދާން މަގަކަށްވާގޮތަށް މެދުގައި ގާ އަތުރާފައި ހުއްޓެވެ. އަދި އެ މަގުގެ ދެފަރާތުގައި ރީތި ގަސްތައް އަތުރާލާފައި ހުއްޓެވެ. އެ މަންޒަރު ފެނުމުން ހިތަށް ހިތްހަމަޖެހުން ގެނުވައެވެ.

އެތެރެއަށް ވަދެގެން ގޮސް ގޭތެރެއަށް ބޯކޮށްޕާލާފައި ޔާސީން ސަލާމް ގޮވާލިއެވެ. އޭރު ގޭގެ ފެންޑާގައި ބަހައްޓާފައި ހުރި ސޯފާއެއްގައި އަންހެނަކު އިށީނދެ އިނެވެ. އެއީ ޓީވީއިން އަށެއްގެ ޚަބަރު ދައްކަމުންދިޔަ ވަގުތެވެ.

"ވަޢަލައިކުމުއް ސަލާމް. ޔާސީން! އަވަހަށް އާދޭ." އެމީހާ ޔާސީން ފެނުމާއެކު ހިނިތުންވެލާފައި ގޮނޑިން ތެދުވިއެވެ.

"ނަޝާ ވެއްޖެ ބަދިގެފަރާތުގަ. ކާން ހަދައިގެން އިންތިޒާރުގަ އެބައިން." އެމީހާ އިތުރު ތަފްސީލު ދިނެވެ.

އަންހެން މީހާ އެހެން ބުނުމާއެކު ޔާސީން އެމީހާއަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އާރިމް އަށް އެތެރެއަށް އައުމަށް އަތުން އިޝާރާތްކޮށްލިއެވެ. އަދި ގޭތެރެއަށް ވަދެގެން ދާންފެށިއެވެ. ތަންކޮޅަކަށް ހިނގުމަށްފަހު ގޭ އެންމެ އެތެރޭގައި ހުރި ދޮރަކުން ޔާސީން އެތެރެއަށް ވަނެވެ. އާރިމްވެސް މަޑުމަޑުން ގޮސް ޔާސީންގެ ފަހަތުން ވަނެވެ. އޭރު އެތެރޭގައި ތަށިތައް ތަޅުވާއަޑު އިވިއިވި ހުއްޓެވެ.

"ހާދަ މީރުވަސް ދުވައޭ. މިހާރުވެސް ބަނޑު ފުރިއްޖެ." ދޮރުން ހަމަ ވަދެފައި ޔާސީން އެތެރެއަށް ފުންކޮށް ނޭވާއެއް ދަމާލާފައި ބުންޏެވެ. އޭރު އެތެރޭގައި އަންހެން ކުއްޖަކު ދޮރާ ފުރަގަސްދީގެން މޭޒުމަތީގައި ތަށިތަކެއް އަތުރަން ހުއްޓެވެ. ޔާސީންގެ އަޑު އިވުމާއެކު އެކުއްޖާ އެނބުރި ބަލާލިއެވެ. އެވަގުތު އެކުއްޖާގެ މޫނު އާރިމްއަށް ރީތިކޮށް ފެނުނެވެ. އެ މޫނު ފެނުމާއެކު އާރިމްގެ ފައި ހުރި ތަނުގައި ތަތްލިކަހަލައެވެ. ލިބުނު ހައިރާންކަމުންނެވެ. އާނއެކެވެ. އެއީ ހަވީރު ގޮނޑުދޮށުން އޭނާއަށް ފެނުނު ރީތި އަންހެންކުއްޖާއެވެ. އެކުއްޖާއަކީ ޔާސީންގެ ވާން އުޅޭ އަނބިމީހާއަށް ނުވުމަށް އެދި އެވަގުތު އާރިމްއަށް ހިތާ ހިތުން ދުޢާކޮށްލެވުނެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ.

"ނަޝާ! މިއީ އާރިމް. އާރިމް! މިއީ އަހަރެންގެ ވާން އުޅޭ އަނބި ގޮއްޔެ." ޔާސީން ގޮސް ނަޝާއާ ގާތްވެލާ ކޮނޑުގައި އަތްއަޅުވާލުމަށްފަހު ގަޔާ ކައިރިކޮށްލަމުން ދެމީހުންނަށް ދެމީހުން ތަޢާރަފްކޮށްދިނެވެ. އެވަގުތު ނަޝާ އާރިމްއާ ދިމާއަށް ބަލާލާފައި ހިނިތުންވެލިއެވެ. ނަމަވެސް އާރިމް ހުރީ އެއްވެސް ޙަރަކާތެއް ގެންނަން ނޭނގިފައެވެ. އޭރު އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ބަޔާންކުރަން ދަތި އިޙުސާސްތަކެކެވެ.

"ކިހިނެއްވީ؟ ކަމުނުދަނީތަ؟ ތަންކޮޅެއް ފަލައީ ދޯ؟" އާރިމް އަނގައިން ނުބުނެ ހުންނަން ފެށުމުން ޔާސީން ސަމާސާ ރާގަކަށް ބުނެލިއެވެ. އެވަގުތު ނަޝާ ތުންކޮޅު އޫކޮށްލާފައި ޔާސީންގެ އަތުގައި ވިކައިގަތެވެ.

"ނޫނޭ. ހަމަ ޕާފެކްޓް. ވަރަށް ރީތި. ވަރަށް ފުރިހަމަ." އާރިމްގެ ދުލުން ހާމަކުރީ ޙަޤީގަތެވެ. އެވަގުތު އޭނާގެ ހިތުގައި އޮތް ގޮތަށެވެ. ނަމަވެސް ދެން ތިބި ދެމީހުންނަށް އާރިމްގެ ހިތުގައި އެވަގުތު އުފެދެމުން ދިޔަ ތޫފާނުގެ ބާރުމިނެއް ނޭނގެއެވެ.

"ތެންކްސް." ޔާސީން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. އަދި މޭޒުކައިރީގައި ހުރި ގޮނޑިއެއް ދަމާލާފައި އާރިމްއަށް އިށީނުމަށް އިޝާރާތްކޮށްލިއެވެ. އޭރުވެސް އާރިމް ހުރީ ހިތަށް އުނދަގޫތަކެއް ވެފައެވެ. ނަމަވެސް އެއްވެސް އަސަރެއް މޫނަށް ނުގެނަސް ގޮނޑީގައި އިށީނދެލިއެވެ. އެވަގުތު ނަޝާ އައިސް ކާން ހަދާފައި ހުރި ތަށިތަކުގެ މަތިތައް ނެގިއެވެ. އަދި ދެ ތަށްޓަސް ޖޫސް އަޅާފައި ކައިރިކޮށްދިނެވެ. އެ ހުރިހާ އިރަކު އާރިމްއަށް އިނދެވުނީ ނަޝާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެކަން އޭނާއަށް އިޙުސާސްވީ ނަޝާ ކުއްލިއަކަށް އޭނާއާ ދިމާއަށް ބަލާލުމުންނެވެ. ނަޝާ ހަމަ ބަލާލުމާއެކު އާރިމް ނޭނގޭކަމަށް ހަދާފައި ކުރިމަތީގައި ހުރި ތަށިތަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ނަސީބަކުން އޭރު ޔާސީން އިނީ ފޯނާ ކުޅޭށެވެ.

"ހޫމް. އަދި ހަނދާން ނެތިފައޭ މިއިނީ. ނަޝާއަށް އެނގޭނެ މިރަށުގެ ހުރިހާ އަންހެން ކުދިން. ކަލެއަށް މިއަދު ފެނުނު ހޫރު ޕަރީ ހުންނަ ގޮތް ކިޔާދީބަލަ. އޭރުންނެއްނު އެކުއްޖަކު ހޯދޭނީވެސް." ފޯނު ކައިރީގައި ބާއްވާލަމުން ސަމާސާ ރާގަކަށް ޔާސީން ބުންޏެވެ.

"އެއީ ތެދެއްތަ؟ އެހާ އަވަހަށް މިހާރު ކުއްޖަކު ފެނުނީ؟" ޔާސީންގެ ވާހަކަ ނިމުމުން ނަޝާ ގަޔާވެލާފައި އާރިމް ކައިރީ އަހާލިއެވެ.

"އާނ. ފެނުނު ވަރަށް ރީތި ކުއްޖެއް. އެކަމަކު ނޭނގެ އެކުއްޖާ ލިބޭނެކަމެއް." ނަޝާއާ ދިމާއަށް ބަލާލަމުން މާޔޫސްކަން އެކުލެވިފައިވާ ރާގަކަށް އާރިމް ބުންޏެވެ.

"އައްދެ. ހާދަ އަވަހަކަށް ތި އުއްމީދު ކަނޑާލީ؟ އެކަމަކު މިއަދު ހަވީރު އެވާހަކަ އަހަރެން ކައިރީގަ ދެއްކިއިރު ހީވީ ދެންމެ ދެންމެ އެކުއްޖާއާ އިނދެފާނެހެން." އާރިމްގެ ކުލަވަރު ފެނިފައި ޔާސީން އޭނާއާ ދިމާކޮށްލިއެވެ.

"އެއީ ތެދެއް. ބުނީމައެއްނު އެނގޭނީ އެކުއްޖަކު ހޯދަންވެސް." ޔާސީންއާ ބައިވެލާފައި ނަޝާ ބުންޏެވެ.

"އޭނައަށް އެނގެނީ އެއީ ވަރަށް ރީތި ކުއްޖެއްކަން އެކަނި. ސިފަކޮށްދިން އިރު ހަމަ ހީވަނީ ވާހަކައެއްގަ އުޅޭ ކުއްޖެއްހެން. އެހާވެސް ފުރިހަމަ." އަނެއްކާވެސް ޔާސީން އާރިމްއާ ދިމާކޮށްލިއެވެ. އޭރު އާރިމް އިނީ އެމީހުން ދައްކާ ވާހަކައަށް ހީލަހީލައެވެ. ދިމާވިގޮތުން ކާހިތް ކެނޑިފައި އިންނަމަވެސް އޭނާ ދިޔައީ ކުޑަކޮށް އެތިއެތިކޮޅު އަނގަޔަށް ލަމުންނެވެ.

"އެހެންވިއްޔާ ކިހިނެއް ދޯ ހޯދާނީވެސް؟ އެކަމަކު އަހަރެމެންގެ ޕާޓީއަށް އަންނާނެ ވަރަށް ގިނަ ކުދިން. އެތަނުން އެކުއްޖަކު ފެނިއްޖެއްޔާ އަހަރެން ކައިރީ ބުނައްޗޭ." ނަޝާ ބޭނުންވަނީ އެކުއްޖަކީ ކާކުތޯ ބަލާށެވެ. އާރިމްއަކީ ރީތި ފިރިހެނެއްކަން ފެނުނު ފުރަތަމަ ފަހަރުންވެސް އޭނާއަށް ފާހަގަކުރެވިއްޖެއެވެ. އަންހެން ކުދިން ހިތް ކިޔާނެ ހުރިހާ ސިފައެއް އާރިމްއަށް ލިބިފައިވެއެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ހަށިގަނޑާއި ރޫފަ އެއްވަރެވެ. ފަން އިސްތަށިގަނޑު އޮތީ ރީތި ގޮތަކަށް ކޮށާލާފައެވެ. ލޮލުގެ ކަޅި ހުރީ ޗޮކްލެޓްކުލައިގައެވެ. ދަމައިގަންނަ ބާރެއް ލޮލުގައިވާހެން ހީވެއެވެ. އަދި ޔާސީންގެ ފަރާތުން އެނގުނުގޮތުގައި އާރިމްއަކީ މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.

ކައި ނިމިގެން ނުކުމެ ކުޑަ އިރުކޮޅަކު އެމީހުން ފެންޑާގައި މަޑުކޮށްލިއެވެ. ކުރިން އެތާ އިން އަންހެންމީހާވެސް ޔާސީންމެންނާ ވާހަކަ ދައްކަން އިރުކޮޅަކު އިނެވެ. ދެކެވުނު ވާހަކައިގެ ތެރެއިން އެއީ ނަޝާގެ މަންމަކަން އާރިމްއަށް ފަހުމްވިއެވެ. އިރުކޮޅަކުން ނަޝާގެ މަންމަ ކާން ދަނީކަމަށް ބުނެ ތެދުވުމާއެކު ނަޝާ ކައިރީގައިވެސް ކާން ދާށޭ ބުނެފައި ޔާސީން ކޮޅަށް ތެދުވިއެވެ. ޔާސީން ދާން ހިނގައިގަތުމާއެކު އާރިމްވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އެމީހުންނާއެކު ނަޝާވެސް ދޮރޯށްޓާ ހަމައަށް ނުކުތެވެ.

"ދެން ދޭ އަވަހަށް އެތެރެއަށް. އަހަރެން ގެއަށް ގޮއްސަ ގުޅާނަން." ދޮރާ ހަމައިން ހިނގުން މަޑުކޮށްލުމަށްފަހު އެނބުރި ނަޝާގެ ނިތުގައި ބޮސްދެމުން ޔާސީން ބުންޏެވެ. އެ މަންޒަރު ފެނުމުން އާރިމްގެ ހިތަށް އުނދަގޫ ގޮތްތަކެއްވެގެންދިޔައެވެ.

ގެއަށް ދިޔަ މަގުމަތީގައި ނަޝާގެ ޢާއިލާއާ ބެހޭގޮތުން ޔާސީން ކޮންމެވެސް ވަރަކަށް އާރިމްއަށް ކިޔައިދިނެވެ. ނަޝާގެ ބައްޕަ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން މަރުވެފައިކަމުގައި ބުންޏެވެ. އަދި ނަޝާގެ އެއްބަނޑު އެއްބަފާ އިތުރު ކުއްޖެއް ނުހުރެއެވެ. ބައްޕަ މަރުވުމަށްފަހު އެމީހުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ދިރިއުޅުމެކެވެ. ނަޝާގެ މަންމައާއި ބައްޕަގެ ޢާއިލާ މީހުން ތިއްބެއްކަމަކު އެމީހުންގެ އެއްވެސް އެހީތެރިކަމެއް އެދެމައިންނަކަށް ނުލިބއެވެ. އެހެންކަމުން ބައްޕަ ނިޔާވުމުން ނަޝާއަށް މަޖުބޫރުވީ ވަޒީފާއަކަށްދާށެވެ. ނަސީބަކުން ބައްޕަ ދުނިޔޭގައި ގެ ހުރީ ރަނގަޅު ފެންވަރަކަށް ހަދައިދީފައެވެ. އެވާހަކަތައް އަޑު އަހާފައި އާރިމްގެ ހިތަށް އިތުރަށް އުނދަގޫވިއެވެ. ވަގުތުން ނަޝާއަށް އެހީވާން ބޭނުންވިއެވެ.

އެނދުގައި އޮށޯވެ އޮވެއޮވެ އެތައް އިރެއްވީއިރުވެސް އާރިމްއަށް ނިދޭގޮތެއް ނުވިއެވެ. ލޯ ހަމަ މަރާލާއިރަށް ފެންނަނީ ނަޝާގެ މައުސޫމު މޫނެވެ. އެ ރީތި ހިނިތުންވުމެވެ. އެކަމަކު އޭނާ އެހެންވާކަށް ބޭނުމެއް ނޫނެވެ. ނަޝާއަކީ ޔާސީންގެ ޙައްޤެކެވެ. އޭނާއަށް ނަޝާ އެ ފެނުނީ މާފަހުންނެވެ. ކިތަންމެ ހިތަށް ތަދުވިޔަސް މިހާރު ކުރެވޭނެކަމެއް ނެތެވެ. އެހާ އަވަހަށް މީހަކުދެކެ އެވަރަށް ލޯބިވެވިދާނެބާއޭވެސް އާރިމްގެ ހިތަށް އެރިއެވެ. ނަމަވެސް ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެކަން އެއޮތީ އެހެން ވެފައެވެ. އަދި އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް އޭނާއަށް އެފަދަ އިޙުސާސްތަކެއް ނުކުރެވެއެވެ. އެކަމަކު ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ނަޝާ މަތިން ހަނދާން ނައްތާލެވޭނެ ބާއެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ