މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް 2020-2021 ސްކޮލަރޝިޕް އިއުލާން ކޮށްފިއެވެ.
ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ސްކޮލަރޝިޕްގައި އެމް.ބީ.ބީ.އެސް ގެ ހަތަރު ފުރުސަތު އަދި ބެޗެލަރ އޮފް ޑެންޓިސްޓްރީ ގެ އެއްފުރުސަތުވަނީ ދެއްވާފައިކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންވަނީ ބުނެފައެވެ.
މި ކޯސްތަކުގައި ކިޔެވުމަށް ޕާކިސްތާނުގެ 14 ޔުނިވަރސިޓީއެއް ލިސްޓްކުރެވިފައިވާއިރު ބެޗެލަރސް ޑިގްރީ ލެވެލްގެ މި ކޯސްތަކަށް އެދި ހުށަހަޅާއިރު ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޖީ.ސީ.އީ އޯލެވެލް /އައި.ޖީ.ސީ.އެސް.ސީ /އެސް.އެސް.ސީ އިމްތިހާނުގެ ފަސް މާއްދާއިން ‘ސީ’ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކުރައްވައިފުމާއި ޖީ.ސީ.އޭ ލެވެލް ތިން މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކުރައްވައިފައިވުމެވެ.
މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ޕާކިސްތާން ޓެކްނިކަލް އެސިސްޓަންސް ގެ ފަރާތުންނެވެ. އަދި މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށެވެ. މި ސްކޮލަރޝިޕް ކޮލެޖްތަކުގެ ހޮސްޓެލް ފީ އަކީ ކެއުމުގެ ޚަރަދު ނުލާ މަހަކު 150 ޑޮލަރާއި 200 ޑޮލަރާއި ދެމެދުގެ އަދަދެކެވެ.
ކޯސްތަކަށް އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތަކުގެ ތަފްސީލް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާނެ ކަމަށާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވަނީ އެކެޑެމިކް މެރިޓްއަށް ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކަމަށް އެ މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
ސްކޮލަރޝިޕްގެ ފުރުސަތުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާނީ ‘މައި އެޑިޔު’ ޕޯޓަލް މެދުވެރިކޮށެވެ. އަދި މި ސްކޮލަރޝިޕްއަށް އެދިލެއްވުމުގެ ސުންގަޑިއަކީ 15 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިންނެވެ.




