ތިލަދުންމަތީ އުތުރުބުރީ ހއ. އުލިގަމުގައި ޓުރިސްޓް ހޮޓަލެއް ޔޮޓު ބަނދަރަކާއި އެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ ހއ. އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސް ހޮޓަލެއް ޔޮޓު ބަނދަރަކާއި އެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
"މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ. 5 ވަނަ ފަންގިފިލާ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު 05 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހު 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެން" އެ މިނިސްޓްރީން ވިދާޅުވިއެވެ.
އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް އެ އިދާރާގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށާއި، ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 11 އޮކްޓޯބަރު 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 - 13:00 އާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް އިންކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީއާއި ގުޅުއްވައިގެން ސާފުކުރެއްވޭނެކަމަށް ޓްއަރިޒްމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.



