ތިލަދުންމަތީގެ މެދުތެރޭގައި އޮތް މީހުންދިރިއުޅޭ ކުޑަ ރަށެކެވެ. އާބާދީވެސް ނުހަނު މަދެވެ. ލަފާ ފުރަން ދަތިރަށެކެވެ. ނަމަވެސް ހިތްވަރުގަދަ، ހުނަރުވެރި، މަސައްކަތްތެރިން ތިބި ރަށެކެވެ. ފަންނުވެރިން ތިބި ރަށެކެވެ. ރަށުގެ ތަޢުލީމަށް ނުހަނު ބޭނުންވެފައި ތިބި ރައްޔިތުންތަކެއް ދިރިއުޅެމުން ދިޔަ ރަށެކެވެ. 19 މެއި 1969 ގައި "މަކުތަބުލް ޖަލާލިއްޔާ" ގެ ނަމުގައި މަދަރުސާ އެއް ރަޖިސްޓަރީކޮށް ހިންގަން ފެށި ނަމަވެސް، ޒަމާނީ ތަޢުލީމު ދެވޭނެ ފަދަ މަދަރުސާއެއް ނުވަތަ އިސްކޫލެއް ރަށުގައި ގާއިމު ކުރެވިފައެއް ނުވެއެވެ. ކުރީގެ ބާ މަދަރުސާގެ ދަނޑިފަން އިމާރާތް ހަލާކުވުމުން، ރަށުގެ ރައްވެހި ގޭގައި އަދި ޒުވާނުންގެ އިޖުތިމާޢީ މަރުކަޒުގައި ލަކުޑި ދިގުފިލާ ގޮނޑީގައި ދަތިހާލުގައި ތަޢުލީމު ދެމުންދާތާ އެތަށް އަހަރެއް ވެއްޖެއެވެ. ނަމަވެސް ތަޢުލީމީ ދަންމަރުގެ ހުޅުކޮޅު ރައްޔިތުން ނިންވާނުލާކަން ހާމަވީ އަސާސީ ތަޢުލީމު ޕްރޮގުރާމުން އަތޮޅުން ފަޚުރުވެރި 1 ވަނަ ހޯދި ހިސާބުންނެވެ.

ކުރިނބީ ސްކޫލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ދިޔައިރު ރަށުގެ ބޮޑު ކަތީބުގެ ގޮތުގައި ހުރީ މަލާޒް، އަބޫބަކުރު ޢަބްދުﷲ(ބޮޑު ދޮންބެ) އެވެ. އަދި ކުޑަ ކަތީބަކަށް ހުރީ ފެސްކޯ، ޢަލީ ޒިޔާދު އަޙްމަދެވެ. ރަށްކުރިއަރުވާ ކޮމެޓީގެ އިސްފަރާތެއްގެ ގޮތުން އަދި ރަށު އޮފީހުގެ ފަރާތުން މަސައްކަތް ވިލަރެސްކޮށް އަމަލީ މަސައްކަތުގައި އިސްކޮށް އުޅުނީ ވީނަސްވިލާ، ޚާލިދު މުޙައްމަދެވެ. މީގެ އިތުރުން ރައްޔިތުންގެ ތެރެއިން މަސައްކަތް ކުރުމަށް ގުރޫޕްތަކަށް އިސް ލީޑަރުން ކަނޑައަޅައި، އެމީހުންގެ ބެލުމުގެ ދަށުން ގުރޫޕްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ.

މިމަސައްކަތަކީ ކުރިނބީގެ ހުރިހާ ރައްޔިތުން ޝާމިލުވެގެން ކުރެވުނު އެންމެ ބުރަ އެއް މަސައްކަތަށް ވުމުން ވަރަށް ފޯރިގައި މަސައްކަތް ކުރިއަށް ދިޔައެވެ. އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން، އެތަށް ސަތޭކަ ރުކެއް ހުރި މި ސަރަހައްދުން ރުއްގަސް ކަނޑާ، ބުޑުނާ ސާފުކުރެވުނެވެ. ދެގުރޫޕުގެ މެދުގައި ވާދަވެރިކޮށް މިމަސައްކަތް ފެށުމުން އެއްބަޔަކަށް ވުރެ އަވަހަށް އަނެއް ބަޔަކު މަސައްކަތް ނިންމޭތޯ ބަލަމުން ދިޔައެވެ. އިމާރާތް ކުރުމުގެ މަސައްކަތަށް ވެލިގެންނަން ގޮވާލުމުން ރަށުގެ ކޮންމެ އަންހެން ކަނބަލަކުވެސް ވަށިވަށީގައި ބޮލަށް ލައިގެންނާއި ބަރޯ، ބަރޯގައި އަތިރިމަތިން ހިނގާފައި ގޮސް ސްކޫލު އަޅާ ސަރަހައްދަށް ވެލި ޖަމާ ކުރަމުންދިޔައެވެ. އެގޮތުން އެ ބޮޑު އިމާރާތް އެޅުމަށް ބޭނުންކުރި ހުރިހާ ވެއްޔާއި އަކިރި ގެނައީ ކުރިނބީގެ ހިތްވަރު ގަދަ ކަނބަލުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން ފިރެހެނުން ރޯމަރު އަވީގައި ބުރަ މަސައްކަތް ކުރާއިރު، އެގޭ ގޭގެ އަންހެންވެރިން ޖޫހާއި ތަފާތު ބާވަތްތަކުގެ ފަނި ގެންނަލެއް މަދެއް ނޫނެވެ. މީ ތަޢުލީމަށް ކުރިނބީގެ ކަނބަލުން ވި ގުރުބާނީގެ ކުޑަމިންވަރެކެވެ.
އިމާރާތުގެ މަސައްކަތް ފެށިގެން ކުރިއަށް ދާންފެށުމާއިއެކު، މަސައްކަތުގެ ފޯރި ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ. މިމަސައްކަތަކީ ރަށުގައި މިހާތަކަށް ކުރެވޭ އިންޖީނިއަރިންގެ އެންމެ ބޮޑު މަސައްކަތަށްވެފައި، އަދި ފުރަތަމަ ފަހަރަށް ސިމެންތިއާއި އެޅިގައު ބޭނުންކޮށްގެން، ކުރާ އިމާރާތަކަށްވުމުގެ އިތުރުން، ގޮނގުރެޓު ކުރުމަށް ދަގަނޑު ބޭނުން ކުރެވޭ ކުރިނބީގެ ފުރަތަމަ އެއް އިމާރާތްވެސް ސްކޫލު އިމާރާތްވެއެވެ. އެހެންކަމުން މި އިމާރާތުގެ ހުރިހާ މަސައްކަތަކީވެސް ތަފާތު ކަންކަމަށް ވެގެން ދިޔައެވެ. މަސައްކަތުގެ ބައެއް ކަންކަން ބެލުމަށް ދުވަސް ދުވަހުން ވީ.އެސް.އޯގެ ފަރާތުން ސައިޓް ސްޕަވައިޒަރުން ރަށަށް ޒިޔާރަތް ކުރަމުން ދިޔައެވެ. އެފަރާތްތަކުގެ އިރުޝާދުގެ މަތިން ކަންކަން ކުރިއަށް ގެންދިޔައެވެ. ހަމައެއާއިއެކު، މާލޭގައި އިމާރާތްކުރުމުގެ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ، ކުރިނބީގެ ފަންނުވެރިން، ބައެއް މަސައްކަތް ކުރުމުގައި އިސްދައުރެއް އަދާކުރިއެވެ.

އެގޮތުން ފާހަގަކޮއްލެވޭ އެއްފަރާތަކަށް ދޮށީބޭ ނުވަތަ ބޭބެ(ޢަބްދުﷲ މުޙައްމަދު)،ކަށިމާގެ ވާނެއެވެ. އެފަރާތަކީ މާލޭގައި ކުރިނބީ މީހުން ގޮވައިގެން ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރި އެއްފަރާތަކެވެ. ބޭބެ (އަހަރެންގެ ކާފަ) އެންމެ ފަހުން ކުރި މަސައްކަތަކީވެސް ސްކޫލް ފެންވަޅު ސަރަހައްދުގެ ވަށާފާރު ރޭނުމަށް ބޭނުންވާ އެޅިގައު އެޅުމުގެ މަސައްކަތެވެ. އެޅިގައު އަޅަން މަދު މީހަކަށް ނޫނީ އެދުވަސްވަރު ނޭންގެއެވެ. ކާފަގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށީ! އަދި ސްކޫލް އެޅުމުގެ ބުރަ މަސައްކަތްކުރި، މިހާރު ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! އާމީން!
ކޮންމެއަކަސް، ތަޢުލީމަށް ކުރިނބީ ރައްޔިތުން ފެށި މިމަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށް ގެންދިޔައެވެ. އިމާރާތުގެ މަސައްކަތް އެއްކޮށްނިންމައި، ދެންހުރި މަސައްކަތްތައް ނިންމުމަށް ގުރޫޕްތަކަކަށް ބަހާލުމަށްފަހު، ރެއާއި ދުވާލު ރައްޔިތު އެންމެން ކަހަލަ ގޮތަކަށް ހުއްޓުމެއްނެތި، ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދިއައެވެ. ހެނދުނު އަރައިގެން އަންނަ އިރާއެކު ފަށާ މަސައްކަތް ނިންމާލަނީ ރޭގަނޑު 11:00 ގައި ރަށުން ކަރަންޓް ކަނޑާލުމުންނެވެ. ރަށަށް ކަރަންޓް ލީފަހުން މާކަ ގިނަ ދުވަސްތަކެއް ނުވާނެއެވެ. އިންޖީނުގޭގައި ހުންނަ 10 ކިލޯވޯލްޓްގެ ޖަނަރޭޓަރުން ކަރަންޓް ދެވޭނީ ހަވީރު 6:00 އިން ރޭގަނޑު 11:00 އަށެވެ. އެވަރުންވެސް ނުފުދިގެން ބައެއް ގުރޫޕްތަކުން މަސައްކަތް އަވަސްކުރުމަށް، ރަށުގެ ފޯރާ މީހެއްގެ ގޭގައި ހުރި ކުޑަ ޖަނަރޭޓަރެއް ސްކޫލަށް ގެނެސްގެން ރޭގަނޑު ދިއްލައިގެން 11:00 ގެ ފަހުންވެސް މަސައްކަތް ކުރިއެވެ. މިއީ ރައްޔިތުން މިކަމަށްހުރި ފޯރިއާއި ޖޯޝެވެ.
އެގޮތުން އެންމެ ވާދަވެރިކޮށް ކުރި މަސައްކަތަކަށް ސްކޫލުގެ ވަށާފާރާއި ފާޚާނާ ބަރިއާއި ސްކޫލު ފެންތާންގީ ތަކުގެ މަސައްކަތް ހިމެނޭނެކަން ޔަޤީނެވެ. އެގޮތުން ހަތަރު ފާޚާނާގެ، ފާޚާނާ ބަރި 24 ގަޑިއިރު ތެރޭގައި މަސައްކަތްކޮށް އެއްކޮށް ނިންމިއެވެ. މީގެ އިތުރުން ވަށާފާރު ރޭނުމުގެ މަސައްކަތް އަވަސް ކުރުމަށް، ގޭގައި ތިބި ކިރިޔާ މަސައްކަތްކުރެވޭ ވަރުގެ ކުޑަކުދިން މަސައްކަތަށް ނެރުނެވެ.

އަހަރެންނަކީވެސް އެދުވަހު، ބައްޕައާއި އެކު ކާފަމެން ގުރޫޕަށް މަސައްކަތްކުރަން ގުރޭޑް 2 ގައި ކިޔަވަން އުޅެމުން ދިޔަ ދަރިވަރަކީމެވެ. މަސައްކަތަށް ޝައުޤުވެރި ކުރުވުމަށް ކުދިންނަށް މެޓާ ބަހައި، މަސައްކަތް ނިމުމުން ނޫޑުލީސް ކާންދީ ހެދިއެވެ.
މާގިނަ ދުވަސްތަކެއް ނުވެއެވެ. ކުރިނބީ ރައްޔިތުން ހިލޭ ސާބަހަށް އިޖުތިމާޢީ މަސައްކަތެއްގެ ގޮތުގައި އިމާރާތްކުރަންފެށި، ކުރިނބީ ސްކޫލުގެ 4 ކުލާސްރޫމާއި، އޮފީސް އިމާރާތް ހިމެނޭ ކުލާސްރޫމް ބުލޮކް ނިންމާލިއެވެ. ތަޢުލީމަށް ކުރިނބީ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ އަގު ވީ.އެސް.އޯ އިން ދިނެވެ. އާދެ! މަސްރޫޢުގައި ހިމެނުނު ތިން ރަށުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ނިންނި ރަށަށް ކުރިނބީ ވިއެވެ. އެހެންކަމުން، ވީ.އެސް.އޯ ގެ ޚާއްޞަ އިނާމު ޙާޞިލުކުރި ރަށަށް ކުރިނބީ ވެގެން ދިޔައެވެ. 04 އޮކްޓޫބަރ 1995 ގައި ވީ.އެސް.އޯގެ ރައީސް މިސްޓަރ. ޑޭވިޑް ގްރީން ކުރިނބީ އަށް ވަޑައިގެން ކުރިނބީ ސްކޫލް ހުޅުއްވައި ދެއްވިއެވެ. އެދުވަހު ޖަލްސާގައި ބޭނުން ކުރި ޕޯޑިއަމްއަކީ، ކުރިނބީ ސްކޫލަށް ހަދިޔާކުރި ވީ.އެސް.އޯގެ ޚާއްޞަ އިނާމެވެ. ކުރިނބީ ސްކޫލުގައި 22 އަހަރު މެދުކެނޑުމެއްނެތި ޖަލްސާ ތަކުގައި ބޭނުން ކުރަމުން ދިޔައީ ހަމަ އެޝަރަފުވެރި ތަޢުލީމީ ރަމްޒެވެ.
ލިޔުނީ: އަމާޒް ލަޠީފް
މި ލިޔުމަށް މައުލޫމާތު ހޯދާފައިވަނީ ފެންނަން ހުރި ބައެއް ލިޔެ ކިޔުންތަކުންނާއި، މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކުންނާއި ކުރިނބީ ކަތީބު(މިހާރުގެ އ. ޑިރެކްޓަރ) ގެ ފަރާތުންނެވެ.




