ހަމަޔާ އުސޫލު އިނގޭނީ ހަމައެކަނި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރޕީގެ ލީޑަރ އަބްދުﷲ ޖާބިރަކަށް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއި މިފަދައިން ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެޔަށް ބަދަލުކޮށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޖަލަށް ލުމަށް ޖާބިރު ގޮވާލުމާއި ގުޅިގެންނެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، އިއްޔެ އަޅުގަނގަނޑަށް އަޑު އިވިގެން ދިޔައީ ދިވެހި ސަރުކާރުން ހާއްސަ ސްޕެސިޕިކް ޑީލްއެއްގެ ދަށުން އަދީބު ގެޔަށް ބަދަލުވެގެން ދިޔަ ތަން ކަމަށާއި 20 އަހަރު ދުވަހުގެ ހުކުމަކާއި 2 މިލިއަނެއްހާ ރުފިޔާގެ މުޅި ދައުލަތް ލޫޓުވާލި މީހަކު ގެޔަށް ބަދަލުވެގެން ދިޔައީ ކަމަށެވެ.
“ތަފާތު ކުރުންތައް ވަރަށް ބާރަށް ފެންނަމުން މިދަނީ. ނިކަމެތިންނަށް ނިކަމެތިކޮށް ސަރުކާރާއި ޑީލް ހަދައިގެން ބޮޑެތި ވަގުން މިންޖުވެގެން މިދަނީ. ޔާމީން ޖަލުގައި އެހުރީ އަދީބު އެހުރީ ގޭގަ. ކޮންކަހަލަ ވާހައެއްތޯ މި ދައްކަނީ” ޖާބިރު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން ރާއީ ވިދާޅުވީ، ޔާމީން ގެޔަށް ބަދަލު ކުރެވޭނީ ކޮން އުސޫލަކުންތޯ އާއި ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދައްކަ ހުރި ވާހަކަ ފިނޭންސް މިނިސްޓަރު ވެސް މިއަދު ވިދާޅުވި ކަމަށެވެ. އަދީބަށް 20 އަހަރު ދުވަހުގެ ހުކުމެއް އާއްސި ކަމަށާއި ދެން ޔާމީން ގެޔަށް ބަދަލު ކުރީމަ އެއް ހަމަޔަކުން ޖެހޭތޯ ސުވާލު ކުރެއްވި އެވެ.
ހަމަޔާ އުސޫލު އޮންނަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވާ ކަމަށާއި ނަމަވެސް ހަމަޔާ އުސޫލު އިނގޭނީ ހަމައެކަނި އިއްޒަތްތެރި މެމްބަރު ޖާބިރުއަކަށް ނޫން ކަމަށް ރާއީ ވިދާޅުވިއެވެ.




ހިޔާލު
ޢިއްޒަތްތެރި މެމްބަރ ރާއީ ގެ ބަލާ މަާ ބޮޑު ވެއްޖެހެން ހީވަނީ