އިސްލާމްދީނުގެ މައުލޫމާތު ފަތުރައި، އިސްލާމް ދީނަށް ރައްޔިތުން އަހުލުވެރި ކުރުމަށް ހދ. ނޮޅިވަރަމުގައި އުފައްދައިފައިވާ އަމިއްލަ ޖަމުއިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ރިސާލާއިން "ފެރީގައި ފޮތް ކިޔައިގެން އިނާމެއް" މި ނަމުގައި ހާއްސަ އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ޖަމިއްޔަތުއް ރިސާލާގެ ރައީސް މުހައްމަދު ޒިޔާދު މިނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، "ފެރީގައި ފޮތް ކިޔައިގެން އިނާމެއް" މި އިވެންޓަކީ ނޮޅިވަރަމުން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރާ ފެރީގައި ހޭދަވާ ވަގުތުތަކަކީ ބޭނުންތެރި ވަގުތުތަކެއްގެ ގޮތުގައި ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ އިވެންޓެއް ކަމަށެވެ.
"ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ކުރާ ދަތުރައް ގާތްކަނޑަކަށް ކޮޅަކަށް 30 މިނެޓް އެބަ ހޭދަވޭ، މުޅި ދަތުރަށް ގަޑިޔެއްގެ އިރު ހޭދަވާއިރު އަޅުގަނޑުމެންގެ ޖަމުއިއްޔާއިން ވިސްނީ ދަތުރުމަތީ މި ހޭދަވާ ގަޑިޔެއްގެއިރަކީ ދަތުރުވެރިންނަށް ބޭނުންތެރި ވަގުތަކަށް ހަދައިދޭން" މުހައްމަދު ޒިޔާދު ވިދާޅުވިއެވެ.
މި އިވެންޓު ކުރިއަށްދާނެ ގޮތް ތަފްސީލް ކޮށްދެމުން މުހައްމަދު ޒިޔާދު އިތުރަށް ވިދާޅުވީ، އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރުދުވަހު ކަމަށާއި މިގޮތުން މިދުވަހު ކުޅުދުއްފުއްޓަށް ފެރީގައި ދަތުރުކުރާ ފަރާތްތަކަށް ރަނގަޅު މައުލޫމާތު ހިމެނޭ ފޮތެއް ސުވާލު ކަރުދާހަކާއެކު ހަވާލު ކުރެވޭނެ ކަމަށެވެ.
މިގޮތުން، ދަތުރުމަތީ ހޭދަވާ ވަގުތުގައި ފޮތް ކިޔައި ސުވާލު ކަރުދާހަށް ޖަވާބު ދެވިއްޖެނަމަ އެ ޖަވާބުދެވޭ ދަތުރުވެރިއަކަށް ޖަމިއްޔާގެ ފަރާތުން ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖަމިއްޔަތުއް ރިސާލާއިން މީގެކުރިން ނޮޅިވަރަމުގައިވަނީ އެރަށުގެ 15 އަހަރުން ދަށުގެ ކުދިންނަށް ޖަމާއަތުގައި ފަތިސް ނަމާދު ކޮށްގެން އިނާމުދޭ ހަރަކާތެއްވެސް ހިނގައިފައެވެ. އަދި މިވަގުތުވެސް އަންނަނީ ގުރުއާން ހިތުދަސްކޮށްގެން އިނާމުދޭ ހަރަކާތެއް ހިނގަމުންނެވެ. މީގެ އިތުރުން ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީ ނަސޭހަތް ދިނުމުގެ ޕުރަގުރާމުތައްވެސް އައްނަނީ ހިނގަމުންނެވެ.



