ޞައްޙަނޫން މުޢާމަލާތްތައް ގިނަ ވުމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބްލޮކްކުރި ޕޭޕަލްގެ ހުރިހާ މަރޗެންޓުން އަލުން އަންބްކްލޮކް ކޮށްފިއެވެ.
ބީއެމްއެލް އިން ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ކަސްޓަމަރުންނަަށް ނޭގި ކާޑުގެ ބޭނުންކޮށްގެން ކުރާ މުއާމަލާތްތައް ގިނަވަމުންދާކަން ފާހަގަވެ، މިފަދަ ސައްހަ ނޫން މުއާމަލާތްތަކުން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން ދާދި ފަހުން އެ ބެންކް އިން ވަނީ ބައެއް ޕޭޕަލް މަރޗަންޓުން ބްލޮކް ކޮށްފައިކަމަށެވެ.
މިކަމަކީ އާންމު އުސޫލުގެ މަތިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބޭންކުން އެޅި ފިޔަވަޅެއްކަމުގައި އެ ބެންކް އިން ވަނީ ވިދާޅުވެފައެވެ. އަދި މި މަރޗަންޓުން ބްލޮކް ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑުތައް ޕޭޕަލް އެކައުންޓަށް ލިންކު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ބެންކް އިން ވިދާޅުވެއެވެ.
ބީއެމްއެލް އިން ވިދާޅުވެފައި ވަނީ އެ ބެންކް އިން ބްލޮކްކުރި ޕޭޕަލްގައި ހުރި ހުރިހާ މަރޗެންޓުން މިހާރު ވާނީ އަންބޮލޮކް ކޮށްފައިކަމަށެވެ. އެހެންކަމުން ކަސްޓަމަރުންނަށް ބީއެމްއެލް ކާޑުތައް ޕޭޕަލް އެކައުންޓަށް މިހާރު ލިންކް ކުރެވޭނެކަމަށާއ،ި ނަމަވެސް ބީއެމްއެލް އިން ކުރިޔަށް އޮތްތާގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލައި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި މަރޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެ ކަމަށް އެ ބެންކް އިން ވަނީ ވިދާޅުވެފައެވެ.
ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަކުރުމަށާއި، ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީ ސެކުއަރ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއްކަން ފާހަގަކޮށްލަމެވެ.
ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ބެންކް އިން ވަނީ ދަންނަވާފައެވެ.
އެގޮތުން ބެންކް އިން ވިދާޅުވެފައި ވަނީ މިގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، އެ މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅުއްވަންވާނެކަމަށެވެ.
								
											


														
														
														
														
														
														