ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަން ނުދީފިނަމަ، މި ބަލި މަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެއްބައި އުނިވެގެންދާނެ: ފަޒްނާ

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައާއި މުސްތަޤްބަލުގައިވެސް ދިމާވެދާނެ މިފަދަ ޞިއްޙީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެކަމަށާއި، ހެޔޮ ބަދަލެއް ގެނައުމަށް ވަގުތާއި ހިޔާލާއި އިޚުލާސްތެރިކަމަށް ވެސް އިންވެސްޓުކުރަން ޢަޒުމް ކަނޑައަޅަންޖެހޭކަމަށެވެ.

މީގެ އިތުރުން އެ ކަމަނާ ވަނީ، ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ނިޒާމެއް ޤާއިމުކޮށްފައިވާތީ އެ ކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާ ގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުޞަތެއްގައި ތަންފީޒުވެގެން ދިޔުމަކީ އުންމީދުކުރައްވާކަމެއް ކަމުއްކަމުގައި އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށާއި، އެ ފަދަ ބަލިތަކަށް ފަރުވާދެއްވާ ފަރާތްތަކަށް ޚާއްޞަކޮށްގެން "ކޯޑް އޮފް އެތިކްސް" އެކުލަވައިލެވޭނެ ކަމުގައެވެ. އަދި، އެ ފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުޙަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށް ވެސް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މި ވެބިނާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީ ޑރ ޢަބްދުލްމަލިކާއި، އެމް.އާރް.ސީ. ގެ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ހިމްޔާއާއި، ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހުލާ އަޙްމަދާއި، ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިސްވެރިޔާ ޑރ ޝަނޫހާ މަންސޫރުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ޑިރެކްޓަރ އާމިނަތު ޝަހުޒާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ