އިޓަލީގެ އިންޓަރ މިލާނުން އިތުރު ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އިންޓަރި މިފަހަރު ޕޮޒިޓިވްވެފައިވަނީ އެކްލަބުގެ ފަހަތަށް ކުޅޭ އޭޝްލީ ޔަންގެވެ. އިންޓަރ މިލާންގެ އޮފިޝަލް ވެބްސައިޓުގައި އެކަން ހާމަކޮށް ބުނެފައިވަނީ އެކްލަބުގެ ކުޅުންތެރިން ކޮވިޑަށް އިއްޔެ ހެދި ޓެސްޓުތަކުން ޑިފެންޑަރު އޭޝްލީ ޔަންގު ޕޮޒިޓިވްވެފައިވާކަމަށެވެ. ޔަންގު ކޮވިޑަށް ޕޮޒިޓިވްވިކަން އިންޓަރއިން ހާމަކޮށްފައިވަނީ މިވަނީ އެކްލަބުގެ ތިން ކުޅުންތެރިޔަކު ޕޮޒިޓިވްކަން ހާމަކުރިތާ ދެ ދުވަސްފަހުންނެވެ. މީގެ ދެ ދުވަސްކުރިން އެކްލަބުގެ މިޑްފީލްޑަރު ނައިންގޮލަން އަދި ގަލިއާޑީނީގެ އިތުރުން ގޯލްކީޕަރު ލޮނަޓު ރަނޫވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އިންޓަރއިންވަނީ ހާމަކޮށްފައެވެ.
ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޯމް އައިސޮލޭޝަންގައި މިހާރު ހުރި ޔަންގަށް އިޓާލިއަން ސެރީއާގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އިންޓަރ މިލާން އަދި އޭސީ މިލާން ބައްދަލުކުރާ ފޯރިގަދަ މިލާން ޑާބީ މެޗުގައި ނުކުޅެވޭނެއެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު ޔަންގު ޕްރޮފެޝަނަލް ކެރިއާރ ފަށާފައިވަނީ ވެޓްފޯޑުންނެވެ. އެއަށްފަހު އެސްޓަންވިލާގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވީ 2011 ވަނަ އަހަރުގެ ޖުލައި 1 ގައެވެ. އަދި ޔުނައިޓެޑާއެކު ގިނަ ކާމިޔާތަކެއް ހޯދުމަށްފަހު އެކްލަބު ދޫކޮށް އިންޓަރއަށް ޔަންގު ބަދަލުވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
އިންޓަރމިލާންގެ ތިން ކުޅުންތެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ



