ލިއޮނަލް މެސީ ބާސެލޯނާގައި މަޑުކުރަން ނިންމުމުން ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމަށް ލިބުނުކަމަށް ސްޕެނިޝް ލަލީގާގެ ރައީސް ހާވިއާ ޓެބާސް ބުނެފިއެވެ.
ޓެބާސްއާއި ހަވަލާދީ އިޓަލީގެ ނޫސް މަޖައްލާއެއްގައި ބުނެފައިވަނީ މެސީ ސްޕެއިންގައި ކުޅޭތައް ދެކެން ބޭނުންވާކަމަށާއި، އަދި މެސީ އެހެން ލީގަކަށް ބަދަލުވެއްޖެނަމަ މާލީގޮތުން އެކަމުގެ ނޭދެވޭ އަސަރު ލަލީގާއަށް ކުރާނެކަން ޔަޤީންވާކަމަށެވެ.
"މެސީއަކީ ފައިސާޖަހާ މެޝިނެއް" ޓެބާސް ބުންޏެވެ.
ޓެބާސް އިތުރަށް ބުނީ ލީގުގައި ކުޅުންތެރިންނަކީ މުހިންމު ބައެއްކަމަށާއި، ނަމަވެސް ލަލީގާއަކީ ވަކި ކުޅުންތެރިންތަކަކަށް ބަރޯސާވެފައި އޮތް ލީގެއްނޫންކަން މިހާރުވެސް ސާބިތުވެފައިވާކަމަށެވެ. އެގޮތުން ނޭމާ އާއި ރޮނާލްޑޯ ލީގު ދޫކޮށް ދިޔަނަމަވެސް އަދިވެސް ލީގު ފުޅާވަމުން ތަރައްޤީވަމުން އަންނަކަން ޓެބާސްވަނީ ފާހަގަކޮށްފައެވެ.
އަދި ލަލީގާގެ ކުރިއަށްއޮތް ހަތަރު ސީޒަންގެ ކޮޕީ ރައިޓްސް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް މިހާރުވެސް ވިއްކާފައިވާއިރު، މެސީ ގޮސްފިނަމަ އެއް އެއްބަސްވުންތައް އުވާލާނެކަމަށް އެއްވެސް ފަރާތުން އަންގާފައިނުވާކަމަށްވެސް އޭނާ ބުންޏެވެ.
ޓެބާސް ބުނީ މެސީއާއި ރޮނާލްޑޯ ނެތް ދުވަހަކަށް މާލީ ގޮތުން ކުރިމަތިވާނެ ދަތިތަކަށް ލާލީގާއިން ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކެމަށެވެ. ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއާއި ގުޅުނު ހިސާބުން ފްރާންސް ލީގު ކުރިއަރައިގެން ގޮސްފައިވާއިރު، ރޮނާލްޑޯ އިޓާލިއަން ސެރީއާއާއި ގުޅުމާއެކު އެލީގުވެސް ބޮޑުތަނުން ކުރިއަރާފައިވަކަމަށް ޓެބާސް ބުންޏެވެ.
ކޮންމެ ގޮތެއްވިޔަސް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ ފޯލޯ ކުރާ އެތައް ލައްކަ ސަޕޯޓަރުންނެއް ދުނިޔޭގައި ހުރިއިރު، މެސީއާއެކު އެސަޕޯޓަރުންތައްވެސް ބަދަލުވާނެކަން ޔަޤީނެވެ. ތާރީޚުވެސް ދައްކަނީ އެގޮތަށެވެ. މިސީޒަންގައި ބާސެލޯނާގެ މަޑުކުރަން މެސީ ނިންމިނަމަވެސް އަންނަ ސީޒަންގައި އޭނާ ބާސެލޯނާގެ މަޑުކުރާނެކަމެއް އަދި ޔަޤީނެއް ނޫނެވެ. އެހެންކަމުން މެސީއާއި ނުލައި ލަލީގާ ކުރިއަށްދާތައް ފެނުމަކީ މާދުރުގައި އޮތް ދުވަހަކަށްވެސް ނުވެ ހިނގައިދާނެއެވެ.




ހިޔާލު
އަހެން ބަލަނި މެސީކުޅުން