ފޮޓޯ: ޕޮލިސް މީޑިއާ

ވޯލްޑް މެންޓަލް ހެލްތު ޑޭ ފާހަގަކުރުމަށް މަޑިފުށި ފުލުހުން މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް އެރަށުގައި ފަށައިފި

ވޯލްޑް މެންޓަލް ހެލްތު ޑޭ ފާހަގަކުރުމަށް ތ.މަޑިފުށި ޕޮލިސް ސްޓޭޝަންގެ ފަރާތުން އެރަށު ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެގޮތުން ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ދެނެގަނެ އެމީހުންގެ ހާލު އޮޅުންފިލުވާފައިވާ އެމީހުންގެ އާއިލާތަކާ ބައްދަލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އޯގާތެރިކަމާއެކު އެމީހުންނާމެދު އަމަލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީ، އަދި އެމީހުންނަށް ސަރުކާރުން ދޭ ފައިސާ ބޭނުންކުރާ ގޮތުގެ މައުލޫމާތު އޮޅުންފިލުވައި، އެމީހުންނަށް ފައިދާހުރި ގޮތުގައި އެ ފައިސާގެ ބޭނުންކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހުން ބެލެހެއްޓުމުގައި އާއިލާއިން އަމަލުކުރާ ގޮތުގެ މައުލޫމާތު އޮޅުންފިލުވައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަން ބުނެދީފައިވާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ،  ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކޮށްފައިވާ އަސަރުތަކާއި، ނަފްސާނީގޮތުން މީހުންނަށް ކޮށްފައިވާ އަސަރުތަކާ ގުޅިގެން އެކަންކަން ރަނގަޅުކުރުމަށް މައުލޫމާތު ދީފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު ފެށިގެން އެއް މަސްދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް 30 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ