މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރުމީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ރ.އަތޮޅުގެ އިތުރުން ޏ.ފުވައްމުލަކު ސިޓީގައެވެ.
ފުލުހުން ވިދާޅުވީ، ޏ.ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ދޫޑިގަން އެއަރޕޯރޓް ސަރަހައްދުގައި ހުރި ގަހެއް ކައިރިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރުޕެކެޓް ހޯދާފައިވާއިރު، މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.
އަދި ރ. ދުވާފަރުގައިވެސް މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގައި އެ އޮޕަރޭޝަންތަކުގައި 24 އަހަރުގެ ދެމީހުންނާއި، 31 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު، މި އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ، އެ ހަތަރުމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރަކަމަށް މި ހިންގާ އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރުގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ކޯޓުއަމުރެއްގެ ދަށުން އެރަށު ދެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި، އެތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނުތައް ފެނުމާ ގުޅިގެންކަމަށެވެ.
އަދި ވިދާޅުވީ، އެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 31 އަހަރުގެ މީހައަށާއި، 24 އަހަރުގެ އެކަކަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު 34 އަހަރުގެ މީހާއަށާއި، 24 އަހަރުގެ ދެވަނަ މީހާއަށް ހަތްދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.



