ޔޫތް ލީޑަރސް ފޯރަމްގެ ބައިވެރިން - ފޮޓޯ: މިނިސްޓަރީ

ކޮވިޑްއާއި ގުޅިގެން މިއަހަރުގެ ޒުވާނުންގެ ދުވަސް ތަފާތު ގޮތަކަށް

މިއަދަކީ މިއަހަރުގެ ޒުވާނުންގެ ޤައުމީ ދުވަހެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވިދާޅުވެފައިވާ ގޮތުގައި މި ދުވަސް މިއަހަރު ފާހަގަ ކުރުމަށް ބޭނުންވަނީ ޒުވާނުންގެ ޢީދެއްގެ ގޮތުގައެވެ.

އެގޮތުން ރާއްޖެއާއި، ރާއްޖޭއިން ބޭރުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ޒުވާނުން ބައިވެރިކުރުމަކީ މި ދުވަސް ފާހަގަ ކުރުމުގެ އެއްބޭނުންކަމަށާއި، ދިވެހި ޒުވާނުންނަށް ހިތްވަރުދީ ޒުވާނުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދިނުމަކީ އެނިސްޓްރީގެ އަދި ސަރުކާރުގެ އެއްމަޤްޞަދުކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގައި ވަނީ ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިކަމަށާއި ގިނަ މީހުން އެއްތަނަކަށް ޖަމާކުރެވޭނެ ފަދަ އެއްވެސް ޙަރަކާތެއް ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުން މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގައި އެނިސްޓްރީން ވަނީ ތަފާތު ގޮތްތަކެއް ޚިޔާރުކޮށްފައިކަމަށެވެ.

މިގޮތުން މިއަހަރު ޒުވާނުންގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޙަރަކާތްތަކުގެ ތެރޭގައި:

  1. ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވާ ޚިތާބް: ޒުވާނުންގެ ޤައުމީ ދުވަހާއި ގުޅިގެން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދް މަޙްލޫފް މީޑިއާ މެދުވެރިކޮށް ޒުވާނުންގެ ދުވަހާއި ގުޅިގެން ޚާއްސަ މެސެޖެއް ދެއްވާނެއެވެ.
  2. މޯލްޑިވްސް ޔޫތު ކޭމްޕް (އެމް.ވައި.ސީ) 2020: ޒުވާނުންގެ ޤައުމީ ދުވަހަށް ޚާއްސަ ކުރެވިގެން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ނަމުގައި ވާޗުއަލް ކޭމްޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕް ހުޅުވާލެވިފައިވަނީ ރާއްޖެ އާއި ރާއްޖޭއިން ބޭރުގައި ދިރިއުޅުއްވާ ޒުވާނުންނަށް ޚާއްސަކޮށްގެންނެވެ. މި ކޭމްޕް ހިންގުމުގައި މިނިސްޓްރީއާއިއެކު ލީޑިން ޕާޓްނަރެއްގެ ގޮތުގައި ޔޫ.އެން.ޑީ.ޕީ ވަނީ ބައިވެރިވެފައެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި އެން.ސީ.ޓީ.ސީ، ޔުނިސެފް، ޔޫރަޕިއަން ޔޫނިއަން، ނެޝަނަލް ޔޫތް ކައުންސިލް ހިމެނެއެވެ. މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ޕޮލިސީ 1ގެ ދަށުން ސްޓްރެޓެޖީ1.3ގެ އެކްޝަން 1.3a) ގެ ދަށުން ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުމެވެ. މިގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިކޭމްޕްގެ ޝިޢާރަކީ " ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" އެވެ. އަދި މިކޭމްޕް ނިންމުމުގެ ގޮތުން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ޤަރާރެއް އެކުލަވައިލެވި އެ ޤަރާރު ސަރުކާރާއި ޙިއްސާކުރެވޭނެއެވެ.
  3. މޯލްޑިވްސް އަރޓިސްޓް ކޮމިއުނިޓީއާ ގުޅިގެން ބޭއްވޭ އާރޓް އެގްޒިބިޝަން: މިނިސްޓްރީއާއި، މޯލްޑިވްސް އަރޓިސްޓް ކޮމިއުނިޓީއާ ގުޅިގެން 22 އޮކްޓޯބަރ 2020 އިން 26 އޮކްޓޯބަރ 2020 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަންގެ މަޤްޞަދަކީ ޒުވާނުންގެ ތަފާތު ހުނަރުތައް ދައްކާލުމެވެ. ވޯކް އިން އަދި ވާޗުއަލްކޮށް ބޭއްވޭ މި އެގްޒިބިޝަނުގައި ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ބައިވެރިވެ، ތަފާތު ފަންނުވެރިކަން ދައްކާލެވިގެންދާނެއެވެ.
  4. ޒުވާނުންގެ ޤައުމީ މަޖިލިހުން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބަހުސް: މި ބަހުސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2020 ގައެވެ. އަދި މި ބަހުސްގައި ވާހަކަދެކެވޭނީ "ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" އާ ގުޅޭގޮތުންނެވެ. މި ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލެޖް އަދި ޔުނިވާރސިޓީތަކާއި ގުޅިގެންނެވެ
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ