ދެވަނަ ޓެސްޓްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ޔުވެންޓަސްް ކުޅޭ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ރޮނާލްޑޯ ކޮވިޑަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިދިޔަ އިންޓަރނޭޝަނަލް ބްރޭކްގައެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގައި އެންމެފަހުން ސްވިޑަންއާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައެއްނުވެއެވެ. ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް އޭނާގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަކަމަށާއި، ނަމަވެސް ސެލްފް އައިސޮލޭޓް ކުރެވިފައިވާކަމަށްވެސް އޭރު ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ހާމަކޮށްފައެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އޮކްޓޯބަރު 13 ގައެވެ. އަދި އެއަށްފަހު ވޭތުވެދިޔަ ދުވަސްތައް ސެލްފް އައިސޮލޭޝަންގައި ހޭދަކުރިއިރު، ޔުވެންޓަސްގެ ދެ މެޗެއް ރޮނާލްޑޯއަށް މިހާރުވެސްވަނީ ގެއްލިފައެވެ. އެއީ އެއީ އިޓާލިއަން ސެރީއާގައި ކްރޮޓޯންއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ކީވްއާއި ދެކޮޅަށް ކުޅުނު މެޗެވެ.
އެހެންނަމަވެސް ބޭރުގެ ރިޕޯރޓްތައް ބުނާގޮތުން އެންމެ ފަހުން ރޮނާލްޑޯ ކޮވިޑަށް ކުރި ޓެސްޓުވެސްވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް ޔުވެންޓަސްއިން އެކަން ކަށަވަރުކޮށްދީފައެއްނުވެއެވެ.
ޔޫއެފާއިން އޮގަސްޓްމަހު ނެރެފައިވާ ގަވާއިދު ބުނާގޮތުން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިންނަށް ކުޅެވޭނީ މެޗުގެ އެއް ހަފްތާކުރިން ކޮވިޑް-19 ގެ ނެގެޓިވް ޓެސްޓަކާއެކުގައެވެ. ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާއި ބާސެލޯނާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.
މީގެއިތުރުން ރިޕޯރޓްތަކުގައިވަނީ މިކަމުގައި ޔުވެންޓަސްއިން އުންމީދު ކަނޑާނުލާކަމަށާއި ބާސެލޯނާ މެޗުގެ 48 ގަޑިއިރު ކުރިން ރޮނާލްޑޯގެ އިތުރު ޓެސްޓެއް ހެދުމަށް ޔުވެންޓަސްއިން އެދިފައިވާކަމަށެވެ. އަދި ދެވަނަ ޓެސްޓުގެ ނަތީޖާތަކަށް ބަލާއިރު، ރޮނާލްޑޯގެެ ތިންވަނަ ޓެސްޓް ނެގެޓިވްވާނެކަމަށް ޔުވެންޓަސްއިން ވަރަށް އުންމީދުކުރާކަމަށްވެސް ރިޕޯރޓްތަކުގައިވެއެވެ.
ޔުވެންޓަސްއާއި ބާސެލޯނާ ބައްދަލުކުރާ މެޗަށް އެތަށް ސަޕޯޓަރުންނެއް އިންތިޒާރުކުރަމުންދަނީ މެސީއާއި ރޮނާލްޑޯގެ ވާދަވެރިކަން އެމެޗުގައި ފެނިގެންދާނެތީއެވެ. ސްޕެއިންގައި މިދެކުޅުންތެރިން އުޅުނު ދުވަސްތަކުގައި ފޯރިގަދަ ގިނަ މެޗުތަކެއް ފެނިގެންދިޔަނަމަވެސް ޗެމްޕިއަންސް ލީގުގައި މި ދެކުޅުންތެރިން ބައްދަލުނުކުރާތާ މިހާރުވަނީ ގިނަ ދުވަސްތަކެއްވެފައެވެ. ޗެމްޕިއަންސް ލިގުގައި މިދެކުޅުންތެރިން އެންމެފަހުން ބައްދަލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ސެމީ ފައިނަލްގައެވެ.



