ލޯބީގެ ބަދަލު (09)

(އަށް ވަނަ އަދަދާއި ގުޅޭ)

"ޔާސީންއަށްޓަކައި." ސިއްރު ހާމަވެދާނެތީ ޖޫސްތައްޓަށް ނަޒަރު ބަދަލުކޮށްލަމުން އާރިމް ޖަވާބުދިނެވެ. ލޯބިވާތީއޭ ބުނަން އޭނާ ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް ޙަޤީޤަތް ހާމަކުރާކަށް ނުކެރުނެވެ. ނަޝާ ހީކޮށްފާނެ އެއްޗަކާމެދު އޭނާ ޖެހިލުންވެއެވެ. ނަޝާ ހިތްހަމަނުޖެހިއްޖެނަމަ މިހާރު މިއޮތްވަރަށްވެސް ގުޅުން ނުބޭއްވިދާނެއެވެ. ނަމަވެސް އޭނާ ވަރަށް ކައިރިން ނަޝާގެ ޙާލު ބަލަން ބޭނުމެވެ. ދުލުން ހާމަނުކުރިނަމަވެސް މިހާރުވެސް ނަޝާ އެއުޅެނީ ހާދަ ޙާލެއްގައެވެ. އެހެންކަމުން އާރިމް ޖަވާބު ދިނީ އެންމެ މަސްލަޙަތު ރަނގަޅުވާނެ ގޮތަށް ބަލާފައެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އަށްގަޑި ސާޅީސް ފަހެއްވީއިރު އާރިމް އިނީ ނަޝާ އުޅޭ ގޭގެ ދޮރުމަތީގައެވެ. އާރިމް ގުޅާލުމާއެކު ނަޝާ ބޭރަށް ނުކުތެވެ. ނަޝާގެ މޫނު ހަމަ ފެނުމާއެކު އާރިމްއަށް ހިނިތުންވެލެވުނެވެ. އެ ލޯބި މޫނު ފެންނަ ކޮންމެ ފަހަރަކު އާރިމްއަށް ލިބެނީ ބަޔާންކޮށްދޭން ނޭނގޭފަދަ ހިތްހަމަޖެހުމެކެވެ.

"އޮފީހުގަ އިނދެފަ ދޯ ތިއައީ؟" ސައިކަލުގެ ފަހަތަށް އަރާ ހަމަޖެހިލަމުން ނަޝާ ބުންޏެވެ. އާރިމް އިނީ ރަސްމީ ހެދުމުގައެވެ. ޓައީ އަޅާ، ބެގީކޮށްގެންނެވެ.

"އާނ. އެ އޯކޭވާނެ. އަމިއްލަ އޮފީހެއްނު." ހިނިތުންވެލާފައި އާރިމް ޖަވާބުދިނެވެ.

ހޮސްޕިޓަލަށް ގޮސް އިރުކޮޅެއް ނުވެ ނަޝާގެ ނަންބަރު ޖެހުނެވެ. ނަޝާއާއެކު ސްކޭން ކުރާ ކޮޓަރީގެ އެތެރެއަށް ދާން އާރިމް ބޭނުންވިއެވެ. ނަމަވެސް ނަޝާ އެކަމާ އިންކާރުކުރުމުން އާރިމްއަށް ދާކަށް ނުކެރުނެވެ. އެހެންކަމުން އާރިމް ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށްފަހު ޖީބުގައި އޮތް ފޯނު ނެގިއެވެ.

"އާރިމް؟" ދަންނަ އަޑަކުން ގޮވާލުމުން ފޯނަށް ބަލަހައްޓައިގެން އިނދެފައި އާރިމް އަޑު އައި ދިމާއަށް ބަލާލިއެވެ. އޭރު މާބަނޑު އަންހެން ކުއްޖަކާއެކު ރަނާ އެތަނުގައި ކޮޅަށް ހުއްޓެވެ.

"ކީއްކުރަނީ މިތާ؟ ބަލިވީތަ؟" ސްކޭން ކުރާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލަމުން ރަނާ ސުވާލުކޮށްލިއެވެ.

"ނޫނޭ. މިއީ ރައްޓެއްސެއްގެ ވައިފް ގޮވައިގެން. އުމްމްމް..... ހާރ ހަޒަބެންޑް އިޒް ނޯ މޯރ." އާރިމް ކުރުކޮށް ތަފްސީލު ދިނެވެ.

"މިއޮއް އައީ." އެވަގުތު ނަޝާ ނުކުމެގެން އަންނަތަން ފެނުމާއެކު އާރިމް ކޮޅަށް ތެދުވިއެވެ. އާރިމްގެ ނަޒަރު ނަޝާއާ ދިމާއަށް ހުއްޓުމާއެކު ރަނާވެސް އެދިމާއަށް ބަލާލިއެވެ.

"ހައި. މިއީ ރަނާ. ތިއީ އާރިމްގެ ފްރެންޑެއް ދޯ؟" ނަޝާއާ ދިމާއަށް ހިނިތުންވެލާފައި ސަލާމަށް އަތް ދިއްކޮށްލަމުން ރަނާ ބުންޏެވެ. ނަޝާގެ ބޮޑު ބަނޑު ފެނުމުން ރަނާއަށް ހަމްދަރުދީވެވުނެވެ.

"ނަޝާ." ހިނިތުންވެލާފައި ނަޝާވެސް ރަނާއާ ސަލާމްކޮށްލިއެވެ. އޭރު އާރިމް ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާއަށް ހީވީ ކަމެއް ފޮރުވައިގެން އުޅެނިކޮށް ފަޅާ އެރީހެންނެވެ.

"ކޮންއިރަކުން ވިހަނީ؟" ނަޝާގެ ބަނޑާ ދިމާއަށް ލޯބިގޮތަކަށް ބަލާލަމުން ރަނާ ސުވާލުކޮށްލިއެވެ.

"އަދި ދެ މަސް އެބައޮތް." ނަޝާވެސް ބަނޑާ ދިމާއަށް ބަލާލާފައި ފިރުމާލަމުން ޖަވާބުދިނެވެ.

"އަހަރެމެންގެ ވެޑިންއަށް އާދެވޭވަރުވާނެބާ؟" އާރިމްއާ ދިމާއަށް ބަލާލަމުން ރަނާ ސުވާލުކޮށްލިއެވެ. އެވަގުތު ކުށްވެރިއަކުފަދައިން އާރިމްއަށް ނަޝާއާ ދިމާއަށް ބަލާލެވުނެވެ. އޭރު ނަޝާވެސް ހުރީ އާރިމްއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސަބަބަކީ އެއީ އަދި ނަޝާއަށް މުޅިން އައު މަޢުލޫމާތެކެވެ. އާރިމް މީހަކާ އިންނަން އުޅޭކަން އޭނާއަށް އެނގިފައެއްނެތެވެ.

"ރަނާ އެއޮއް ނަންބަރު ޖެހުނީ. ހިނގާ ދާން." އާރިމްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރަނާގެ ރަޙުމަތްތެރިޔާގެ އަޑު އިވުނެވެ.

"ސޮރީ އިނގޭ. ވާނެ އަދި ދިމާވެލަން ދޯ. ދަނީ އިނގޭ." ހިނިތުންވެލާފައި ނަޝާގެ ކޮނޑުގައި ފިރުމާލަމުން ރަނާ ބުންޏެވެ. އަދި ރަޙުމަތްތެރިޔާއާއެކު ސްކޭން ކުރާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ހޮސްޕިޓަލުން ނުކުމެވެންދެންވެސް އާރިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

"ރަނާ ވަރަށް ލޯބި. ވަރަށް ހިތްހެޔޮ ކުއްޖެއް. އާރިމްއާ ވަރަށް ގުޅޭ." ސައިކަލަށް އަރާ އިށީންނަމުން ހިނިތުންވެލާފައި ނަޝާ ބުންޏެވެ. އެވަގުތު އާރިމް ސައިކަލުގެ ކަނާތްފަރާތު ލޯގަނޑުކޮޅުން ނަޝާގެ މޫނަށް ބަލާލިއެވެ. އޭރު ނަޝާވެސް އިނީ ލޯގަނޑުކޮޅުން އާރިމްގެ މޫނަށް ބަލަހައްޓައިގެންނެވެ. އާރިމް އިނީ ހިނިތުންވެލަންވެސް ނޭނގިފައެވެ.

"ސައި ބޮއިފިންތަ؟" ސައިކަލު ދުއްވާލަމުން އާރިމް ސުވާލުކޮށްލިއެވެ. ނަޝާ އަދި ގެއަށް ގެންދާކަށް އާރިމް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ވީހާވެސް ގިނަ އިރަކު ނަޝާ އޭނާ ކައިރީގައި ބައިންދާށެވެ.

"އާނ. ސައިބޮއިގެން އައީ." ނަޝާ ޖަވާބުދިނެވެ.

"އަހަރެން ވަރަށް ބަނޑު ހައި. ހިނގާބަލަ އަހަންނާއެކު އެއްޗެއް ކާލަން. އެކަނި ކާން ވަރަށް ފޫހިވޭ." ނަޝާ ގެންދަންވެގެން އާރިމް ބަހަނާއެއް ދައްކާލިއެވެ.

"އެކަމަކު ލަސްވެގެން އޮފީހުން ނުހޯދާނެތަ؟" ނަޝާ ވިސްނީ އާރިމްއާ ދޭތެރޭގައެވެ.

"އާނ. އަދި އެހާ ގިނަ އިރެއް ނުވެއެއްނު." ހަމަޖެހިލާފައި އާރިމް ބުންޏެވެ.

ނަޝާ ގޮވައިގެން އާރިމް ދިޔައީ ކާނިވަލް ސަރަހައްދުގައި ހުންނަ "ސިޓްރަން ބައި ލެމަންގްރާސް" ރެސްޓޯރެންޓަށެވެ. އެވަގުތު އެތަނުގައި މީހުންވެސް އެހާ ގިނައެއްކޮށް ނެތެވެ. ކާއެއްޗެއްސަށް އޯޑަރުދީފައި އާރިމް ނަޝާއާ ދިމާއަށް ރަނގަޅަށް ބަލާލިއެވެ.

"ސްކޭން ކިހިނެއްވަނީ؟ ބޭބީ އޯކޭތަ؟" ސްކޭންގެ ވާހަކަ އަދި ނޭހޭކަން ހަނދާންވުމުން އާރިމް ސުވާލުކޮށްލިއެވެ.

"އާނ. އަލްޙަމްދުލިﷲ." ހިނިތުންވެލާފައި ނަޝާ ޖަވާބުދިނެވެ. ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެކަކަށްވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ.

"ރަނާއަކީ އާރިމްގެ ހޮވުމެއްތަ؟" ވެއިޓަރު ގެނަސް ކުރިމަތީގައި ބެހެއްޓި މިލްކްޝޭކް ތަށިން އެތިފޮދެއް ބޯލަމުން ނަޝާ ސުވާލުކޮށްލިއެވެ.

"ނޫން. މަންމަމެންގެ ހޮވުމެއް." އާރިމް ނަޝާގެ ލޮލަށް ބަލާލަމުން ބުންޏެވެ.

"އަހަރެން ލޯބިވަނީ އެހެން ކުއްޖެއްދެކެ." ހިތްވަރު ލިބުނީ ކޮންތާކުންކަމެއްވެސް އާރިމްއަކަށް ނޭނގެއެވެ. ބޭނުންވާ މަޢުޟޫއަށް ދުރުދުރުން ދިޔައެވެ.

"ދެން ކީއްވެ ރަނާއާ އިންނަން ތިއުޅެނީ؟ އާރިމް ލޯބިވާ ކުއްޖާ ކޮބާ؟" ޝައުޤުވެރިވެލާފައި ނަޝާ ސުވާލުކޮށްލިއެވެ.

"އެކުއްޖާ އެބައުޅޭ. އަހަރެން ރަނާއާ އިންނަން އެއްބަސްވިއިރު ނޭނގެ އެކުއްޖާ ހުސް ކަމެއް. އަދި އެކުއްޖާއަކަށް ނޭނގޭނެ އަހަރެން ލޯބިވާކަމެއްވެސް." އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އާރިމް އިނީ ނަޝާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އެދެލޮލުން ދޭހަވަނީ ކޯއްޗެއްތޯ ހޯދާފަދައެވެ.

"މިހާރު އެކުއްޖާ ހުސްތަ؟" ނަޝާ އަނެއްކާވެސް ސުވާލެއްކޮށްލިއެވެ. އެ ސުވާލުގެ ޖަވާބުގައި އާނއެކޭ ބުނުމުގެގޮތުން އާރިމް ބޯ ޖަހާލިއެވެ.

"އަޅެ ދެން ކީއްވެ ނުބުނެ ތިހުންނަނީ؟" ދެންވެސް ވާހަކަދެއްކީ ނަޝާއެވެ.

"އެކުއްޖާ ހިތްހަމަ ނުޖެހިދާނެތީ ބުނަން ނުކެރިގެން މިހުންނަނީ." އޭރު އާރިމްގެ ހިތް ނެގިނެގިފައި ޖެހެއެވެ.

"ބުނީމައެއްނު އެކުއްޖާއަށް އެނގޭނީ. އަހަންނަށް ހަމަ ޔަޤީން އެކުއްޖާވެސް އާރިމް ދެކެ ލައިކްވާނެކަން. ތިއީ ނުލާހިކު ރަނގަޅު ކުއްޖެއް." ހިނިތުންވެލާފައި ނަޝާ ބުންޏެވެ. އެވަގުތު އާރިމްއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަމިއްލަ ނަފްސަށް ހިތްވަރު ދިންފަދައެވެ.

"އެކުއްޖަކީ ނަޝާއޭ ބުނެފިއްޔާޔޯ؟" ވަރަށް ޖެހިލުންވެ އިނދެ އާރިމް އެންމެ ފަހުން ބުނެލިއެވެ.

"ވަޓް؟ ސަމާސާ ކުރަނީ ދޯ؟" ނަޝާއަށް ހީވީ އާރިމް ސަމާސާއެއް ކުރަނީކަމަށެވެ. އެހެންކަމުން އޭނާ ހޭންފެށިއެވެ.

"ނޫން. ނަޝާ! އަހަންނަށް ނަޝާ ފުރަތަމަ ފެނުނީ ތި ރަށަށް ދިޔަ ދުވަހު ހަވީރު ތުނޑިމަތިން. އޭރު އަހަންނަކަށް ނޭނގެ ތިއީ ޔާސީން އިންނަން އުޅޭ ކުއްޖާކަމެއް. އެކަން އެނގުނީ އެރޭ ތިގެއަށް ކާން ދިޔަތަނާ. ފުރަތަމަ ފެނުނު ވަގުތުވެސް އަހަރެންގެ ހިތުގަ ނަޝާއަށް ޚާއްސަ ޖާގައެއް ދެވުނު....." ނަޝާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކަށް ފަރުވާތެރިވެ ބަލަން އިނދެ އާރިމް ކިޔައިދިނެވެ. ނަޝާ އެއްޗެއް ބުނޭތޯ ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް އާރިމް ވާހަކަދައްކަން ފެށިއެވެ.

"ހަނދާންވޭތަ އެރޭ ޔާސީން ކިޔެއްނު އަހަންނަށް އަންހެން ކުއްޖަކު ފެނުނު ވާހަކަ؟ އެއީ ނަޝާގެ ވާހަކަ. ބިލީވް މީ ނަޝާ! އަހަރެން ނަޝާ މަތިން ހަނދާން ނައްތާލެވޭތޯ ވަރަށް މަސައްކަތްކޮށްފިން. ޔާސީން ގުޅުމުން ފޯނު ނުނަގާ އެއްވެސް ޚަބަރެއް ނުވެ ފުރައިގެން ދިޔައީވެސް މިކޮޅުގަ ހުރެއްޖެނަމަ ނަޝާމަތިން ހަނދާން ނައްތާލަން އުނދަގޫވެދާނެތީ. އެކަމަކު އަހަރެންގެ މި ބަސްނާހާ ހިތަކަށް ނުވިސްނުނު. އައި ސްޓިލް ލަވް ޔޫ." އާރިމް ފަހު ދެ ޖުމްލަ ބުނެލީ ވާތް ފަރާތުން މެޔާ ދިމާލުގައި ފިރުމާލާފައި ލޯބިން ފުރިގެންވާ ގޮތަކަށް ނަޝާއާ ދިމާއަށް ބަލާލަމުންނެވެ. ނަމަވެސް ނަޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތިރިއަށް ނަޒަރު ހުއްޓާލިގޮތަށް ދެން އާރިމްއާ ދިމާއަށް އެންމެ ފަހަރަކުވެސް ބަލާނުލިއެވެ.

"ނަޝާ! ކޮންމެވެސް އެއްޗެއް ބުނެބަލަ." ކުޑަކޮށް ބޯ ތިރިކޮށްލާފައި ނަޝާގެ މޫނު ރަނގަޅަށް ފެނޭތޯ ބަލާލަމުން ވަރަށް މަޑުމަޑުން އާރިމް ބުންޏެވެ.

"އަހަރެން ގެއަށް ގެންގޮސްދީ!" އިސްއުފުލާލާފައި އާރިމްއާ ދިމާއަށް ބަލާލަމުން ނަޝާ ބުންޏެވެ. އޭރު އެދެލޮލުން ދޭހަވަނީ ކޯއްޗެއްކަމެއް މާނަކުރާކަށް އާރިމްއަކަށް ނޭނގުނެވެ.

"އޯކޭ." ކުއްލިއަކަށް ނަޝާއަށް އެއްޗެއް ބުނަން އުނދަގޫވާނެކަން އާރިމްއަށް ވިސްނެއެވެ. އަދި ނަޝާ އިން ޙާލަތުން އެހާބޮޑަށް ބާރުއެޅުން ރަނގަޅުނުވާނެކަންވެސް އޭނާއަށް އެނގެއެވެ.

ރެސްޓޯރެންޓުން ނުކުމެގެން ނަޝާގެ ގެއަށް ދެވެންދެން ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމުން އެއްވެސް އެއްޗެއް ނުބުނެ، ފަހަތަށް ބަލާލުމެއްވެސްނެތި ނަޝާ ގޮސް ގޭތެރެއަށް ވަނެވެ.

އެރޭ ނިދަން އުޅެއުޅެ އާރިމްއަށް ނިދޭގޮތެއް ނުވިއެވެ. ނަޝާ ދެން ދުވަހަކުވެސް ވާހަކަ ނުދައްކައިފާނެތީ އޭނާ ވަރަށް ކަންބޮޑުވިއެވެ. ހިތްހަމަ ނުޖެހިގެން އޭރު ނަޝާ ދިޔައީ އެއްވެސް އެއްޗެއްވެސް ނުބުނެއެވެ. އެންމެ ފަހުން ހިތަށް ކުޅަދާނަ ނުވެގެން އާރިމް ފޯނު ނަގާ ގަޑި ބަލާލިއެވެ. އޭރު ގަޑިން ރޭގަނޑު އެގާރަގަޑި ފަނަރައެވެ. ދެން އޭނާ ބަލާލީ ވައިބަރއިން ނަޝާ އޮންލައިންކޮށް އިންތޯއެވެ. އެވަގުތު ނަޝާ އޮންލައިންކޮށް އިންތަން ފެނުމުން ނަޝާއަށް ފޮނުވުމަށްޓަކައި އާރިމް މެސެޖެއް ލިޔެލިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

"ނިދީތަ؟" ވަރަށް ހިތްވަރުކޮށްލާފައި އާރިމް މެސެޖް ފޮނުވާލިއެވެ. އަދި ޖަވާބެއް ލިބޭތޯ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތެވެ.

"ނޫން. އެކަމަކު ނިދަން މިއުޅެނީ." ނަސީބަކުން މާ ގިނައިރެއްނުވެ ނަޝާގެ ޖަވާބެއް ލިބުނެވެ. އެވަގުތު އާރިމްއަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލިގެންދިޔަހެންނެވެ.

"އަހަރެންދެކެ ރުޅި އައިސްފަތަ؟ ސޮރީ." ދެރަވެފައިވާ މޫނަކާއިއެކު އަނެއްކާވެސް އާރިމް މެސެޖެއް ފޮނުވާލިއެވެ.

"ނޫން... ގުޑްނައިޓް އާރިމް." ނަޝާގެ ޖަވާބު އައިގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވަނީކަން އާރިމްއަށް އެނގުނެވެ. އެހެންކަމުން އާރިމްވެސް "ގުޑްނައިޓް" ޖަހާފައި މެސެޖުގެ ރައްދު ފޮނުވާލިއެވެ.

ނަޝާ ވާހަކަދެއްކީތީ އާރިމް ހިތްހަމަޖެހުނެވެ. ނަޝާ ނޫނެކޭ ބުނިނަމަވެސް އާރިމް އަދިވެސް ނަޝާއަށް އެހީވާނެއެވެ. ނަޝާ ލޯބި ނުވިޔަސް އާރިމްގެ ހިތުގައި ނަޝާއަށް އޮތް ލޯތްބަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. އެއީ ނަޝާ ނުކުރަން އެދުނުނަމަވެސް އާރިމްއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޚިޔާލުތަކަށް ގެއްލިފައި އޮއްވާ ފޯނަށް މެސެޖެއް އައިސްގެން ވައިބްރޭޓްވީކަމުގެ އިޙުސާސް އާރިމްއަށް ކުރެވުނެވެ. ބަލާލިއިރު އޮތީ ނަޝާގެ މެސެޖެކެވެ.

"އަހަރެން އާރިމް ކުށްވެރިއެއް ނުކުރަން. އެކަމަކު މިހާރު އަހަންނަކީ އޭރުގެ ނަޝާއެއް ނޫން. އަދި ދުވަސްކޮޅަކުން އަހަރެން ވާނީ މަންމައަކަށް. އެއީ އިތުރު ޒިންމާއެއް. އަދި އަހަރެންގެ ހިތުން ޔާސީންގެ ލޯބި ފިލައިގެން ނުދޭ. އާރިމްއަކީ ވަރަށް ރަނގަޅު މީހެއް. ރަނާއަކީ އާރިމްއަށް އެންމެ އެކަށީގެންވާ ކުއްޖާ. ވަރަށް ދެރަވޭ މިހެން ބުނަންވެސް. އެކަމަކު ސޮރީ. އަހަންނަށް އާރިމްގެ ލޯބި ބަލައިގަނެވޭކަށް ނެތް." ނަޝާގެ މެސެޖްގައި އޮތެވެ. މެސެޖް ކިޔާފައި ވަގުތުން އާރިމްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް އޭނާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ.

"އަހަރެން ޤަބޫލުކުރަން ނަޝާއަށް ޔާސީން މަތިން ހަނދާން ނައްތާ ނުލެވޭނެކަން. އަދި އަހަރެން ނުވެސް ބުނަން އެކަން ކުރާށެކޭ. އަހަރެންދެކެ ނަޝާ ލޯބިވާކަށްވެސް ނުޖެހޭ. އަހަރެން ހާމަކުރީ އަހަރެންގެ ހިތުގައިވާ އެއްޗެއް. އެކަމާ ނަޝާ ދެރަވާނެކަމެއް ނެތް. މިއޮއްހާ ދުވަހުވެސް އުޅުނުގޮތަށް ދެންވެސް އަހަންނަށް އުޅެވޭނެ. އެކަމަކު ނަޝާއަށް އެހީވާން އަހަރެން ވަރަށް ބޭނުން. އާދޭސްކޮށްފަ ބުނަން! އެކަމާ ދެކޮޅު ނުހަދާތި!" ހިތުގައި ވޭން އެޅިނަމަވެސް އާރިމް ހިތްވަރުކޮށްލާފައި ނަޝާގެ މެސެޖަށް ރައްދު ދިނެވެ.

"އޯކޭ..." އިރުކޮޅެއް ފަހުން ނަޝާގެ ޖަވާބު އައެވެ.

"ފްރެންޑްސް؟" އާރިމް ބޭނުންވީ ނަޝާއަށް އާރިމްއާ ކުރިމަތިލާން އުނދަގޫނުވާވަރުގެ ގުޅުމެއް ބާއްވާށެވެ. އެގޮތަށްވެސް ގުޅުން ދަމަހައްޓަން އޭނާ އެހުރީ ތައްޔާރަށެވެ.

"ހޫމްމްމް" ނަޝާގެ ޖަވާބު ކުރެވެ. ނަމަވެސް ދެކޮޅު ނުހެދީތީ އާރިމް ހިތްހަމަޖެހުނެވެ.

 (ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ