ނ. މާފަރު ޕޮލިސް ސްޓޭޝަނުގައި އެރަށުގައި މީހުން ދިރިއުޅެމުންދާ ގެތަކަށާއި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، ޕްރޮގްރާމަކީ މާފަރުގައި ފުލުހުންގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތައް ރައްޔިތުންނަށް އެހީތެރިވެވޭނެ ގޮތްތައް އޮޅުންފިލުވައި ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، އޮކްޓޫބަރު 20 ން 22 އާއިހަމައަށެވެ.
ފުލުހުން މީގެ އިތުރުން ވިދާޅުވީ، މިޕްރޮގްރާމަކީ މާފަރުގެ ކުށުގެ ވެށީގެ މައުލޫމާތާއި ކުށްކުރުން މަދުރުކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމްގައި ގޭގެއަށް ޒިޔާރަތްކޮށް، ވައްކަމުގެ މައްސަލަތަކާ ގުޅިގެން އެފަދަ މައްސަލަތައް މަދުކުރުމަށް ފަރުދީގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމުގެ ގޮތުން އަހަރީ ފީ، އިންޝުއަރެންސް އާއި ރޯޑްވާދިނަސް ހަމައަށް ހުރިތޯ ބަލައި، އުޅަނދުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވާނެކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި މާފަރުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.



