އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކިކުރުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ފާހެއްނުވި އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށައެޅުނީ އޭސީސީން ކުރިއަށް ގެންދާ ތަހުޤީޤުތަކުގެ ފެންވަރު ދަށްކަމުގެ ތުހުމަތު ކޮށް އޭ.ސީ.ސީ އަށް އިތުބާރެއް ނެތް ކަމަށްބުނެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ވާހަކަ ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މައްސަލައަށް ވޯޓު ދެއްވީ ހަސަން އަހުމަދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެކަންނިކަމުން އެ ހުށައެޅުން ފާހެއްނުވިއެވެ. މީކާއިލް ވިދާޅުވެފައި ވަނީ މިކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި އޭސީސީ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނަމަވެސް ކޮމިޓީގެ ބެލެނިވެރިކަމުގެ ދަށުގައި ވަނީ އޭސީސީކަމަށް ވާތީ އެ ހުށަހެޅުމަށް ތާއީދުކުރައްވާކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްވީ، އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ކޮމިޝަންގެ މަސައްކަތަށް ދިމާވާ ގޮންޖެހުންތައް ސާފުކުރުމަށެވެ.