ޕީޕީއެމް ގެ އަހަރީ ދުވަހާއި ގުޅިގެން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ 9 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އެ ޕާޓީއިން ގޮވާލައިފިއެވެ.

ޕީޕީއެމްގެ 9 ވަނަ އަހަރީދުވަހުގެ ތަހުނިޔާ ދަންނަވަމުން އެ ޕާޓީއިން ވަނީީ ރައީސް ޢަބްދުﷲ ޔާމީން އަބދުލްޤައްޔޫމް ނުޙައްޤުން ޖަލުގައި ޤައިދުކޮށް، މިސަރުކާރުން ދެމުންގެންދާ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް، އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

އެޕާޓީއިން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިޤްތިޞާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ 5 އަހަރު ކަމުގައިކަމަށެވެ. އަދި ޕީޕީއެމްއަކީ ކުރުމުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ޙާސިލްކޮށްފައިވާ ސިޔާސީ ޕާޓީކަމުގައިވެސް ވިދާޅުވިއެވެ.

އަދި މިވަގުތު ވާދަވެރި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގޮތުގައި ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވަނީ ސަރުކާރު ޖަވާބުދާރީކޮށް، ޒިއްމާދާރުކޮށް، ރައްޔިތުންގެ އަޑު ވަރަށް ގާތުން އަހަމުންކަމަށާއި، ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލާއި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ހިފަހައްޓާ ދެމެހެއްޓުމަށްޓަކައިކަމުގައިވެސް އެޕާޓީން ވަނީ ވިދާޅުވެފައެވެ.

"މިމަސައްކަތުގައި އެންމެ އިސް ވާޖިބަކީ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތަށް އިސްކުރުން" އެ ޕާޓީއިން ވިދާޅުވިއެވެ.

އެ ޕާޓީއިން އިތުރަށްވިދާޅުވީ މިއަހަރު ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ސަބަބުން ޕާޓީގެ 9 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ޙަރަކާތްތައްވަނީ ފަސްކުރެވިފައިކަމަށާއި އިރާދަކުރެއްވިއްޔާ ވީހާވެސް އަވަސް ތާރީޚެއްގައި ޕީޕީއެމްގެ އަހަރީ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިނަމާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ