ބަންގްލަދޭޝްގެ 152 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލައިފި

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝްގެ 152 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން ދެންމެ ކުރި ޓްވީޓެއްގައިވަނީ ބަންގުލަދޭޝްގެ 152 ރައްޔިތުން މިއަދު އެގައުމުގެ ވެރިރަށް ދާކާ ގެންދެވިފައިވާ ކަމަށް ބުނެފައެވެ. މިއީ ބަންގްލަދޭޝްގެ މީހުން ފުރުވާލުމަށް މޯލްޑިވިއަން އިން ބޭއްވިި 42 ވަނަ ފްލައިޓެވެ.

ރާއްޖޭގައި އެއްވެސް ލިޔެކިއުމެއް ނެތި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ވަނީ ފޮނުވާލާފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވައިދާ ޚިލާފަށް އެންމެ ގިނައިން އުޅެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތުގައި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންވެސް އަންނަނީ ފޮނުވާދެމުންނެވެ.

އިކޮނަމިކް މިނިސްޓަރު ވިދާޅުވީ ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 އަށްވުރެ ގިނަ ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ