ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއާއި ގުޅިގެން ފާހަގަކުރާ ނަޞްރުގެ ދުވަސް ފާހަގަކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކަށް ނުކެރޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އިދިކޮޅުން މިއަރުވެސް "ބަޑި ބުރާސްފަތީ"ގެ ނަމުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ޝުޖާއު ވަނީ އިއުލާންކޮށްފައެވެ.
ޝުޖާއު ވިދާޅުވީ، މި ދުވަސް ފާހަގަކުރުމަކީ ވަކިން ހާއްސަކޮށް ރައީސް ޞާލިހްގެ ސަރުކާރަން ކުރަން ކެރޭނެކަމެއް ނޫންކަމަށެވެ.
"އެހެން ދަންނަވާލަން މި ޖެހޭ ސަބަބަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ބަފައިކަލޭގެއަކީ މި ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން ހިމެނޭ މީހެއްކަމަށް އަޅުގަނޑުމެންނަށް މި އޮންނަނީ ހުރިހާ ގޮތަކުންވެސް އެނގެން" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، މި ސަރުކާރަށް މި ދުވަސް ފާހަގަކުރަން ނުކެރޭ ހާލު، ކުރީ އަހަރެކޭ އެއްގޮތަށް އިދިކޮޅު ކޯލިޝަނުންވެސް މި ޖަލްސާ ބޭއްވުމުގެ ހުއްދަ ސަރުކާރުން ނުދޭނެކަމަށް ތުހުމަތުކުރާކަމަށެވެ.
ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ރޭ 08:00 ގައި މާލޭގެ ކާނިވާ ސަރަހައްދުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.