ހިޔާ މަޝްރޫއުގެ ފްލެޓުތައް އަންނަ ފެބްރުއަރީ މަހު ނިންމާލަން މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ދެއްކެވި ވާހަކަފުޅުގައެވެ.
ސުހައިލް ވިދާޅުވީ، ހިޔާ ފްލެޓްތައް މީހުން ބޭނުންވާ ގިނަ ޙިދުމަތްތައް ފުރިހަމަކުރުމާއެކު އަންނަ ފެބްރުއަރީ މަހު ނިއްމާލެވޭތޯ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓަށް ހާއްސަ ދެ ބަސް ސްޓޮޕް ހެދުން ބަޔަކާ ހަވާލުކުރަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ އިމާރާތްތަކެއް ދަނީ ޤާއިމްކުރަމުންނެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން 25 ބުރީގެ 16 ޓަވަރު ވަނީ ބިނާކޮށްފައެވެ.
ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅޭ ބްރިޖު މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައިވާއިރު، ބައެއް މީހުން މިހާރު ވަނީ އެތަނުގައި ދިރިއުޅެން ވެސް ފަށާފަ އެވެ.



