މެސީ މެނޭޖްކުރަން އުނދަގޫ: ސެޓިއެން

ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަކީ މެނޭޖްކުރަން އުނދަގޫ ކުޅުންތެރިޔެއްކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

ސްޕެއިންގެ ނޫސް މަޖައްލާއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ސެޓިއެން ބުނީ، ކުޅުންތެރިންގެ ތެރޭގައި މެނޭޖް ކުރަން އުނދަގޫ ކުޅުންތެރިންވެސް އުޅޭނެކަމށާއި، މެސީއަކީ އެފަދަ މެނޭޖް ކުރަން އުނދަގޫ ކުޅުންތެރިއެއްކަމަށެވެ.

ސެޓިއެން ބުނީ، ކޯޗެއްގެ ޙައިސިއްޔަތުން ކުޅުންތެރިންގެ ކުޅުމުގެ ހުނަރުގެ އިތުރުންވެސް އެކުޅުންތެރިންގެ އެތަށްކަމެއް މެނޭޖުކުރަން ޖެހޭއިރު، އަސްލު އުނދަގޫކަމަކީ އެއީކަމަށެވެ.

"ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ މެސީ. ދެން މެސީ ބަދަލުކުރަން އަހަރެން މީކާކު؟" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ މެސީ އަކީ ވަރަށް ބަސްމަދު ކުޅުންތެރިޔެއްކަމަށާއި، އޭނާ ބޭނުންވާ ކަންތައްތައް ޢަމަލުން ދައްކާނެކަމަށެވެ.

ސެޓިއެންގެ ނަޒަރުގައި ދުނިޔޭގެ ތާރީޚުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ މެސީއެވެ. މީގެއިތުރުންވެސް މޮޅެތި އެތަށް ކުޅުންތެރިންނެއް ފުޓްބޯޅައިގެ ދުނިޔެއިން ފެނިފައިވާއިވީނަމަވެސް މެސީއާއި އެއް ފެންވަރެއް އެހެންކުޅުންތެރިޔަކަށް އަދި ނާދެވޭކަމަށް ސެޓިއެން ބުންޏެވެ.

އާނެސްޓޯ ވަލްވާޑޭ ވަކިކޮށް ކީކޭ ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ގެނައީ 2022 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. ނަމަވެސް އުމުރުން 61 އަހަރުގެ ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ދައްކަަމުންދިޔަ ދަށް ކުޅުމާއެކު އޭނާ މަޤާމުން ވަކިކުރަން މަޖުބޫރިއެވެ. ސެޓިއެން މަޤާމުން ވަކިކޮށްފައިވަނީ ބާސެލޯނާގެ ކޯޗުކަމާއި ޙަވާލުވިތާ 7 މަސް ފަހުން މިއަހަރުގެ އޮގަސްޓް މަހުއެވެ.

އަދި ޗެމްޕިއަންސް ލީގުގައި 8-2 ގެ ނަތީޖާއަކުން ބާސެލޯނާ ދަށްވި ހިތްދަތި ނަތީޖާގެ ހަނދާންތައް ހިތުން ނުފޮހެވޭނެކަމަށާއި، އެކަމާއި ގުޅޭގޮތުން ކޮންމެވެސް ދުވަހަކުން ލިޔުމެއް ލިޔާނެކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން ސެޓިއެން ބުނީ، އެމެޗުގެ މާ ކުރިން އޭނާ މަޤާމުން ވަކިކުރަން ނިންމާފައިވާކަން ފަހުން އެނގުނުކަމަށެވެ.

ބާސެލޯނާގެ ކޯޗު މަޤާމުން ވަކިކޮށްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ