ލ. އަތޮޅުން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށް މުލި ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މުއްޔަށް އައި ލޯންޗަކުން ފޭބި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ދެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ބެލެވިގެން އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް އެކަކުގެ ހަށިގަނޑުން ފެނިފައިވާ ކަމަށާއި އަދި އަނެއް މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު މުލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށާއި އެއީ 30 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށެވެ.



