ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގެ ނަމުގައި ހދ. ކުމުންދޫގައި މާދަމާ ފުޓްސަލް މުބާރާތެއް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ކުމުންދޫގެ ކުޅިވަރު ތާރީހުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެކެވެ.
ނޮވެމްބަރު ތިނަކުން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ބައިވެރިވެފައިވެއެވެ.
ކުމުންދޫ ޔޫތް ސްޕޯޓްސްގެ ފަރާތުން މި ނޫހަށް ބުނެފައިވަނީ، މި މުބާރާތަކީ އެ ޖަމިއްޔާގެ ހަރަކާތްތައް 2011 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު، ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތެއް ކަމަށެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ދެމެޗު ކުޅޭ ގޮތަށެވެ. އެގޮތުން ފުރަތަމަ މެޗު ހަވީރު 04:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގައެވެ.
ކުމުންދޫގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ފުޓްސަލް އެރީނާގައެވެ. އަދި މި މުބާރާތް ސްޕޮންސާ ކޮށްފައިވަނީ މަންނާމް އެވެ.
މި މުބާރާތް ފެށުމުގެ ގޮތުން މާދަމާ ނަޟްރުގެ ދުވަހާއި ގުޅުވައިގެން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރަށުގެ ހުރިހާ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަކީ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.