ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން އެ ރަށު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަަހު ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި ކައުންސިލު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ރަށުތެރޭގައި ހިނގާ ކުށްތައް މަދުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވ.
މީގެ އިތުރުން ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލިކުރުމަށް ކުރެވިދާނެ ކަންކަމާއި ކުށްމަދު އަމާން މާހައުލެއް ރަށުގައި ގާއިމުކުރުމަށް ދެ ފަރާތް ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝާކިރާއި ކިނބިދޫ ޕޮލިސް ސްޓޭޝަން އިންޗާޖާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެފައިވެއެވެ.
								
											

