މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ތ. ދިޔަމިގިލި، ފުވައްމުލަކުގެ އިތުރުން އދ. ދަނގެތީގައެވެ.
އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ 3 ވަނަ ދުުވަހު ދިޔަމިގިލީގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެންނެވެ. މީގެ އިތުރުން އޭނާއާ ގުޅުންހުރި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދިޔަމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި މަޑިފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އިތުރު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މިއަދު ހިންގި އެ އޮޕަރޭޝަނުގައި، ދިޔަމިގިލީ ފަޅު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން އެރަށު ފުނާޑު އަވަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ޝަރުތުކޮށް އޭނާ ވަނީ ދޫކޮށްލާފައެވެ.
އދ. ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އެ ރަށަށް ދާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރާ ބޯޓު ގާތްކުރުމުން ފުލުހުން އެ ބޯޓަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



