ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗު ސީއެސް ވިމެންސް ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ސަންދިޔާ އާއި ސީއެސް ވިމެންސް ބައްދަލުކުރިއިރު މި މެޗު ސީއެސް ވިމެންސް އިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗްގައި ސީއެސް ވިމެންސްގެ ލަނޑުތައް ޖަހައިދީފައިވަނީ ނައުފާ އިބްރާހީމާއި އަދި ރިޔާސާ މޫސާއެވެ. ސަންދިޔާގެ ހަމައެކަނި ގޯލަކީ ސީއެސް ވިމެންސްގެ ނައުފާގެ އަތުން ބައިކޮޅަށް ޖެހުނު ގޯލެކެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޖާޒީ ނަންބަރު 27، އާލާ އަހްމަދެވެ. އާލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.

މިމުބާރާތުގައި ސީއެސް ވިމެންސް ކުޅުނު ފުރަތަމަ މެޗުން އެފްސީ ރެހެންދިއާއި ވާދަކޮށް 0-4 ގެ ނަތީޖާއަކުން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މި މެޗަކީ ސަންދިޔާ މި މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ.
މިމުބާރާތުގެ މެޗެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗުގައި ބައްދަލުކުރާނީ ޒީރު ސްޓާސް އަދި އެފްސީ ރެހެންދިއެވެ. މިމެޗު ކުމުންދޫ ފުޓްސަލް އެރީނާގައި ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ.