ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020"ގެ މިރޭގެ މެޗުން، ހަނީފާ އަބްދުﷲ ގެ ހަމައެކަނި ގޯލުން މޮޅުވެ، ޒީރު ސްޕޯޓްސް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.
މިރޭ ކުޅުނު މި މެޗުގައި ޒީރު ސްޓާސް އާއި އެފްސީ ރެހެންދި ބައްދަލުކުރިއިރު މި މެޗު ޒީރު ސްޓާސް އިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.
މިމެޗުގެ ކްއީން އޮފް ދަ މެޗް ލިބިފައިވަނީ ޒީރު ސްޓާސްގެ ހަނީފާ އަބްދުﷲ އެވެ. ހަނީފާގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތުގައި ދެ ޓީމުންވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ދަށްވެފައެވެ. އެގޮތުން ޒީރު ސްޓާސް އިން ޓާފް ކުއީން އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ދަށްވެފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި ސީއެސް ވިމެންސް އާއި ދެކޮޅަށް އެފްސީ ރެހެންދިން ކުޅުނު މެޗު 0-4 ގެ ނަތީޖާއަކުން ވަނީ ދަށްވެފައެވެ.
މި މުބާރާތުގެ މެޗުތައް މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވަނީ ސަންދިޔާ އާއި ޒީރު ސްޓާސް އެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ޓާފް ކުއީން އަދި އެފްސީ ރެހެންދިއެވެ.



