ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމް މ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މިދިޔަ އޮކްޓޯބަރ މަހުގެ 31 އިން މި ނޮވެމްބަރ މަހުގެ 01 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފުލުހުން ބޭނުން ކުރާ ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑިއާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް އިތުރަށް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދާ އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމުގެ ގޮތުން އިންޑޯރ ތިއަރީ ކުލާސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.




