ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގައި މިރޭ ކުޅުނު މެޗު، ޓާފް ކުއީން އިން ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެފްސީ ރެހެންދި ލަދުގަންނުވާލައިފިއެވެ.
ގިނަ ގޯލުތަކެއް ފެނިގެންދިޔަ މި މެޗުގައި ޓާފް ކުއީން އާއި އެފްސީ ރެހެންދި ބައްދަލުކުރިއިރު މި މެޗް ޓާފް ކުއީން އިން ކާމިޔާބުކޮށްފައިވަނީ 10-1 ގެ ނަތީޖާ އަކުންނެވެ.
ޓާފް ކުއީން އަށް ފާތިމަތު ޒާރާ ފަސް ގޯލު ކާމިޔާބު ކޮށްދީފައުވާއިރު ސާމިހާ މުހައްމަދު ވަނީ 2 ގޯލު ޖަހައިފައެވެ. ބާކީ 3 ގޯލު ކާމިޔާބުކޮށްދީފައިވަނީ ހައްވާ ހަސަން، އައިމިނަތް މުހައްމަދު އަދި ސަހީމާ ހަސަނެވެ. އަދި އެފްސީ ރެހެންދީގެ ހަމައެކަނި ގޯލު ޖަހައިފައިވަނީ އެ ޓީމުގެ އައިޝަތް ޝަރީފާއެވެ.
މިމެޗުގެ ކްއީން އޮފް ދަ މެޗް ލިބިފައިވަނީ ޓާފް ކުއީންގެ ޖާޒީ ނަމްބަރު 6، ފާތިމަތު ޒާރާ އަށެވެ. ފާތިމަތު ޒާރާ ވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް 5 ގޯލު ޖަހައިދީފައެވެ.
މި މުބާރާތުގައި ޓާފް ކުއީން ކުޅުނު ފުރަތަމަ މެޗުން، އެ ޓީމު ވަނީ މޮޅުވެފައެވެ. ޒީރު ސްޓާސް އާއި ދެކޮޅަށް ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.
ނަމަވެސް، މި މުބާރާތުގައި އެފްސީ ރެހެންދި ކުޅުނު ދެ މެޗުން ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ސީއެސް ވިމަންސް އާދި ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުން ދަށްވެފައިވާއިރު، ޒީރު ސްޓާސް އާއި ބައްދަލިކޮށް ދަށްވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ، އެފްސީ ރެހެންދި އާއި ސަންދިޔާއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީއެސް ވިމަންސް އާއި ޓާފް ކުއީންއެވެ.



