5 ޓާރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފައިދާ އަންނަ އަހަރުގެ ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީދުވަހުގެ މުނާޞަތުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގެވެ.
ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެ މަނިކުފާނުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ޞިއްޙީ ދާއިރާއިން ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރު އަތޮޅުތަކުގައި ކުރިއަށް ގެންދިއުމާއި، ސަރުކާރުން ފަށާފައިވާ ފަސް ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފައިދާ އަންނަ އަހަރުގެ ތެރޭގައި ލިބެން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދު ސިންދަފާތު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާނެ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލު ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމުންނެވެ.




