މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަންފަށައިފިއެވެ.
ރ. އަނގޮޅިތީމުގައި ހިންގި އޮޕަރޭޝަނެއްގައި ރ. ރަސްގެތީމުން ބޮއްކުރައެއްގައި އަނގޮޅިތީމަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ދިވެހި 2 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ 2 މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލެއިން ށ. މިލަންދުއަށް ދާ ބޯޓަކުން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 23 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެ ދޯނިން ބޭލި އެއްޗެއް ހިފައިގެން ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 34 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާއިރު 23 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނެއްގައި ފޭދޫން ހުޅުމީދޫ ބަނދަރާ ގާތްކުރި ތެޔޮ ބޯޓެއްގައި މަސްތުވާތަކެތި ހުރިކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އެ ބޯޓަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.




