ފެނަކަ އަށް ފުރަތަމަ ފަހަރަށް ފައިދާވެއްޖެ

ފެނަކަ ކޯޕަރޭޝަނުގެ ތާރީހުގެ ތެރެއިން ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާ ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރު މާލީ އަހަރު ނިމުނުއިރު ފެނަކައަށް 35،914،643 ރުފިޔާގެ ފައިދާ ވެފައިވާ ކަމަށާއި 2019 ވަނަ އަހަރަކީ ކުންފުނީގެ ތާރީހުގެ ތެރެއިން ފުރަތަމަ ފަހަރަށް ފައިދާވި އަހަރު ކަމަށެވެ.

"ގިނަ އަހަރުތަކަކަށް ގެއްލުމުގައި ކުންފުނި ހިނގަމުންއައި ނަމަވެސް, މިސަރުކާރުގައި މިކުންފުންޏަށް އައި ކުރިއެރުންތަކާއި އެކު މިއަދު މިކުންފުންޏަކީ ފައިދާވާ ކާމިޔާބު ފަޚުރުވެރި ކުންފުންޏެއް" ކަމަށް ފެނަކަ ކުންފުނިން މިރޭ ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

ރަށްރަށުގައި ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެހެން ސަރަހައްދުތަކަށް ބަދަލުކޮށް އަލުން އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ފެނަކައިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މީގެއިތުރުން ފެނަކަ އިން ކަރަންޓް ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިޔާދަކުރަނިވި ހަކަަތައަށް 2022 ވަނަ އަހަރު ބަދަލު ކުރެވިގެންދާނެ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

މި ބަދަލާއެކު ތެލަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެކަން ފާހަގަކުރައްވައި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި މަޝްރޫއު ފުޅާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ