ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމަށް އިލޯން މަސްކް!

މަޝްހޫރު ބިލިއަނަރު އިލޯން މަސްކްގެ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާއިން، އެމެރިކާގެ ސޮޓޮކް މާކެޓްގެ އިންޑެކްސް، އެސް އެންޑް ޕީ 500 އަށް ވަނުމަށް ހޮވިފައިވުމާއެކު، ދުނިޔޭގެ ތިންވަނައަށް އެންމެ މުއްސަނދި މީހާގެ ލަޤަބު އިލޯން މަސްކަށް ލިބޭނެއެވެ.

ޓެސްލާ ކުންފުނިން، އެސް އެންޑް ޕީ 500 އަށް ވަނުމަށް ހޮވިފައިވާއިރު، އެސް އެންޑް ޕީ 500 އަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރެވިފައިވާ 500 ބޮޑު ކުންފުންޏެއްގެ ޕާރފޯމެންސް ބަލާ ސްޓޮކް މާކެޓް އިންޑެކްސްއެކެވެ.

ޓެސްލާ ކުންފުނި އެސް އެންޑް ޕީ 500 އާއި ގުޅޭނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. އަދި މިދިޔަ ހޯމަދުވަހު ޓެސްލާގެ ހިއްސާގެ އަގުވަނީ 15 އިންސައްތަ މައްޗަށް ޖެހިލާފައެވެ.

'ބްލޫމްބާގް ބިލިއަނަރ އިންޑެކްސް' އިން ދައްކާ ގޮތުން، މިއަދާއި ހަމައަށް އިލޯން މަސްކްގެ މިލްކިއްޔާރުގެ އަގު ވަނީ މީގެ ކުރިން އެ ލިސްޓުގެ ތިންވަނައިގައި އޮތް ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގްއަށްވުރެ ކުރިއަށް ޖެހިލައިފައެވެ. އެގޮތުން އިލޯން މަސްކްގެ މިލްކިއްޔާތުގައި މިހާރު 110 ބިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، މާކް ޒަކަބާގްގެ މިލްކިއްޔާތުގައި ހުރީ 104 ބިލިއަން ޑޮލަރެވެ.

މީގެ އިތުރުން، 'ބްލޫމްބާގް ބިލިއަނަރ އިންޑެކްސް' އިން ދައްކާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދިމީހާގެ ޝަރަފުގައި މިވަގުތު އޮތީ އެމޭޒަން ކުންފުނީގެ ވެރިޔާ، ޖެފް ބެޒޮސްއެވެ. އަދި ދެވަނައިގައި އޮތީ މައިކްރޮސޮފްޓް ކުންފުނީގެ ބާނީ، ބިލް ގޭޓްސް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ