ރިސޯޓުތަކުގެ ވެރިން ހިތް ފޮނުވާ ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު 11 ޖަހާއިރު މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ގަސްތުކުރާ ކަމަށާއި އަމާޒަކީ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މިއަދު ނިންމުން ކަމަށެވެ.
"މި ބިލާ ބެހޭގޮތުން އިއްޒަތްތެރި މެންބަރުންގެ ނުގުތާތައް މިހާރު ވަނީ ފާހަގަ ކުރެވިފައި. އިއްޒަތްތެރި މެންބަރުން އެދިވަޑައިގަންނަވާ އިސްލާހެއް ވާނަމަ ނުވަތަ ބަދަލެއް ގެންނަވަން އެދިވަޑައިގަނަވާ ނަމަ މިއަދު 11 ޖަހާއިރަށް މިކަމަށް ތައްޔާރުވެގެން ތިބުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ޓުއަރިޒަމް އެމަންޑްމެންޓް ގާނޫނަށް އެބަހުރި ކަމަށާއި ރައްޔިތުން ވެސް އަދި ވިޔަފާރިވެރިން ވެސް ހިތް ފޮނުވާފައި އެބަހުރި ކަމަށެވެ.
"ހަމަ ރިސޯޓް އޯނަރުން އިނގޭތޯ ހާޓްވެސް ފޮނުވާފަ. ބަލައިގަނެފި ނަމަ އެއީ ރިޝްވަތަށް މަގުފަހިވާ ކަމަކަށް ވެދާނެ. ދެން އަޅުގަނޑު ހިތުން އަނބުރާ ބްރޯކެން ހާޓެއް އަޅުގަނޑު ފޮނުވާލީމަ ހައްލެއް ގޮތުގައި އަޅުގަނޑު މިދެކެނީ." ނަޝީދު ވިދާޅުވިއެވެ.



