އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އަންހެން ސިފައިންގެ ނިސްބަތް، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، 2 ގުނަ އިތުރުވެފައިވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މާރިޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ހުރިހާ ދާއިރާއެއްގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، އަސާސީ ތަމްރީން ކޯސް ފުރިހަމަކުރާ އަންހެން ސިފައިންގެ ނިސްބަތް، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، 2 ގުނަ އިތުރުވެފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ދިފާޢީ މައި ތަނބުކަމަށްވާ ދިވެހި ސިފައިންގެ ސަފުތައް މިއަދު ވަރަށް ބަދަހިކަމަށާއި، ރައްޔިތުންނަށް ޚިދުމަތްދިނުމުގައި، އެއްވެސް ތަފާތުކުރުމެއްނެތި އަދި ރައްޔިތުންނާ ވަރަށް ގާތުން ސިފައިން މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
ޅ.މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފްގެ ދަ ބޭސިކް ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.



