ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ މި ދަނޑިވަޅުގައި، ގިނަ ޤައުމުތައް އަދިވެސް ލޮކްޑައުންގައި އޮތްއިރު، ގިނަ ވަގުތު ތިބެން ޖެހިފައިމިވަނީ ގޭތެރޭގައެވެ. އެހެންނަމަވެސް، ބޮޑެތި މީހުންނާއި ކުޑަކުދިން، ކޮވިޑް-19 ގެ މި ޕެންޑެމިކްގައި ހެލިފެލިވެއުޅުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ވުޒާރާ، ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19ގެ މި ޕެންޑެމިކް އާއި ގުޅިގެން، ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފައިވާގޮތުގައި، ބޮޑެތި މީހުން އެންމެ މަދުވެގެންވެސް ކޮންމެ ހަފްތާއަކު 150 މިނެޓްގެ ފިޒިކަލް އެކްޓިވިޓީސް ކުރިއަށް ގެންދަންޖެހޭނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުންނަމަ އެއަށްވުރެ އިތުރަށްވެސް ހެލިފެލިވެ އުޅުމުގައި ހަރަކާތްތެރިވުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފައިވެއެވެ.
ކުޑަކުދިންނަކީ އާންމުކޮށް ދުވާލުގަޑީގައި ކުޅުން ފަދަ ކަންކަމުގައި ވަރަށް ހެލިފެލިވެ އުޅޭ ބައެކެވެ. ނަމަވެސް ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެން އަބަދު އެއް މާހައުލެއްގައި ވަގުތު ހޭދަކުރަން ޖެހުމަކީ މިކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެއެވެ. އަދި އަބަދު ފޯނު އަދި ޓެބްލެޓްފަދަ އެލެކްޓްރޯނިކްސް ތަކެއްޗަށް ލޯދީގެން ހުރުމުން ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެއެވެ.
އެހެންކަމުން ޑަބްލިއު އެޗްއޯއިން އިލްތިމާސްކުރަނީ، ކޮންމެ ދުވަހަކުވެސް ގާގްގަނޑަކަށް އެއް ގަޑިއިރު ހެލިފެލިވެ އުޅެވޭކަހަލަ ކަންކަމާއި ކުޅިވަރުތަކުގައި ކުޑަކުދިން ބައިވެރިކުރުވުމެވެ. އަދި ފޯނު ފަދަ އެކެލްޓްރޯނިކް ތަކެތީގައި ކުދިން ހޭދަކުރާވަގުތު މަދުކުރުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރެއެވެ.
ހުރިހާ އުމުރެއްގެ މީހުންވެސް ހެލިފެލިވެއުޅުމަށް ބާރުއަޅާ ޑަބްލިއުއެޗްއޯ އިން ވަނީ "އެވްރީ މޫވް ކައުންޓް"ގެ ނަމުގައި ކެމްޕެއިނެއްވެސް ލޯންޗުކޮށްފައެވެ.
ޑަބްލިއުއެޗް އިން ބުނީ، ހެލިފެލިވެ އުޅުން ގިނަ ކުރުމަކީ ހަމައެކަނި ހިތުގެ ބަލިތަކާއި، ހަކުރު ބަލި އަދި ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަމެއްނޫންކަމަށެވެ. ހެލިފެލިވެ އުޅުމަކީ، ހާސްވުމާއި، ޑެޕްރެޝަމް އަދި އެންޒައިޓީ އިންވެސް ދުރުކޮށްދޭ ކަމެއްކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ މި ހާލަތުގައި ހެލިފެލިވެ އުޅުން ގިނަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރިގޮތުގައި ބޮޑެތި މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކު އަދި ކުޑަކުދިންގެ ތެރެއިން ފަސްކުދިންގެ ތެރެއިން އެކުއްޖަކީ ބޭނުންވާ ވަރަށް ފިޒިކަލް އެކްޓިވިޓީސް ނުލިބޭ މީހުންނެވެ.
ކޮންމެ ދުވަހަކު ހެލިފެލިވެ އުޅުމަކީ ހަމައެކަނީ ހަށިގަނޑަށް އޭގެ އަސަރުކުރާނެ ކަމެއް ނޫންކަމަށާއި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެކަމަށް ޑަބްލިއުއެޗްއޯ، ފިޒިކަލް ޔުނިޓްގެ ހެޑް ފިއޯނާ ބުލް ބުނެފައިވެއެވެ. އަދި ގޭތެރޭގައި އުޅޭވަގުތު ރައްޓެއްސަކަށް ގުޅާލާ އޮންލައިކޮށް ދެމީހުން އެކުގައި ކަސްރަތުކޮށް، އަދި ގޭތެރޭގައި އުޅޭއިރު އާއިލާ މީހުންނަށް އެހީވުމަކީވެސް ހެލިފެލިވެ އުޅުން އިތުރުކުރުމަށް ކުރެވިދާނެކަންކަން ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި ބޭރަށް ނުކުމެވޭ ދަނޑިވަޅެއް އައިސްފިނަމަ ބޭރަށް ނުކުމެ ހިނގާލުމަށްވެސް އޭނާ އިލްތިމާސް ކުރިއެވެ. .



