ސިހުރު ހާހޫރާއި ހަސަދައާއި އެސްފީނާއަށް އެންމެ ރަނގަޅު ފަރުވާއަކީ "ޝަރުޢީ ރުޤްޔާ"

ނުބައިކަން ބޮޑުވެގެންވާ ސިހުރު ހާހޫރާއި، ހަސަދައިގެ އިތުރުން އެސްފީނާއަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ "ޝަރުޢީ ރުޤްޔާ" ކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި އިމްތިޙާނުތައް ކުރިމަތިވާނެ ކަމަށާއި، އެކި ބާވަތްތަކުގެ ބަލިތަކާއި ނަފްސާނީ އުނދަގޫތަކަކީ، އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ކުރިމަތިކުރައްވާ ކަންކަން ކަމަށެވެ. ރޫހާނީގޮތުން ކުރިމަތިވާ މިފަދަ ބަލިތަކަށް ރުޤްޔާއިން ފަރުވާ ހޯދިދާނެ ކަމަށާއި، އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

"ބަލިތަކަށް ފަރުވާކުރުމަކީ ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް. الله سبحانه وتعالى ބަލިތައް ލައްވާފައިވާ ފަދައިން އެބަލިތަކުގެ ޝިފާވެސް ވަނީ ލައްވާފައި. ބަލިތަކަށް ފަރުވާކުރުމުގައި އަޅުގަނޑުމެން ހިފަންހުރި ގޮތްތަކުގެ ތެރޭގައި ރުޤްޔާކުރުން ހިމެނޭ." އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ރުޤްޔާ ކުރުމަކީ ބަލިމީހާއަށް ފަރުވާކުރުމުގެ ގޮތުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ގެ ސުންތުގައި ވާރިދުވެގެންވާ ދުޢާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާންވީ މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާއެއްވެސް މެއެވެ." މާތް ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ. އެހެން އާޔަތެއްގެ މާނައިގައިވެއެވެ. "ތިމަން ރަސްކަލާނގެ ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރުއާނުން އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުއްޓެވެ."

"އަރަބި ޤަބީލާއެއްގެ ވެރިޔާގެ ގަޔަށް އެއްޗެއް ކަށިޖަހައިގެން އެކަމަށް ފަރުވާދިނުމަށް އެބައިމީހުން އެދުނު ހިނދު އެކަލޭގެފާނު ސޫރަތުލްފާތިޙާއިން އޭނާއަށް ރުޤްޔާ ކުރެއްވިއެވެ. ދެންފަހެ، ﷲ ގެ ވާގިފުޅުން އެމީހާއަށް ޝިފާލިބިގެން ދިޔައެވެ. އަދި ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި މިވާހަކަ ދެންނެވުމުން އެކަލޭގެފާނު ކަންކުރެއްވީ ރަނގަޅަށް ކަމަށް ޙަދީޘް ކުރެއްވިއެވެ." މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވާ، ރުޤްޔާކުރުމަކީ ހުއްދަ ކަމެއް ކަމަށް ބާރުދޭ ޙަދީޘެއްގެ މާނައިގައިވެއެވެ.

ހުކުރު ޚުޠުބާގައި މިކަމާއި ގުޅޭގޮތުން އިތުރަށް ވިދާޅުވެފައިވަނީ، ރުޤްޔާ ކުރުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދުބުތަކާއި ޝަރުތުތަކާއެކު، އެކަމުގެ ޢިލްމު ލިބިހުރި މީހަކު، ޝަރުއީ ހަމަތަކުގެމަތިން، ހުއްދަނޫން އެއްވެސް ކަމެއް ނުހިމެނޭގޮތަށް، އިންސާނިއްޔަތަށްޓަކައި ކުރުން ހުއްދަކެއް ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ