ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް އެސްވަތީނީއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.
އެސްވަތީނީއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުން، ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކުގެ ޢަދަދަކީ މިހާރު 175 އެވެ.
ނިއުޔޯކްގައި ހުންނަ އދއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއާއި އެސްވަތީނީގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާ ބެހޭ ޖޮއިންޓް ކޮމިއުނިކޭގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ފަރާތުން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެސްވަތީނީއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މެލޫސީ މާރޓިން މަސޫކޫ އެވެ.
ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އޭގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު ގުޅުން ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޚާރިޖީ ސިޔާސަތުގެ ތެރޭގައި އިސްކަމެއް ދެއްވާ އެއް ކަންތަކެވެ