ދިވެހި ފުލުހުންގެ ޚިދުމަތުގެ "އަޕަރ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް،ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
އެ މަނިކުފާނު މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެ ކަމަށްޓަކައި މިއަދު މެންދުރުކުރީގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ. އަދި، ފުލުހުންގެ ޚިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯވިޑް-19ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ، މަސައްކަތް ފާހަގަކުރައްވާ، ހުރިހާ ފުލުހުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރެއްވިއެވެ.
???? Vice President @FaisalNasym inaugurates #NeighbourhoodPolicing in Upper South Police Division #USPD #CommunityPolicing pic.twitter.com/kChIbg0H8e
— Maldives Police (@PoliceMv) December 28, 2020
ރައީސުލްޖުމްހޫރިއްޔާގެ ނައިބު "އަޕަރ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެ ކަން ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ ދެ އަތޮޅުގެ ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ.
ނައިބު ރައީސް ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު މެންދުރު ގއ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، ކޯވިޑް-19 އާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންތިޒާމުތަކާ ގުޅޭ މަޢުލޫމާތު ވެސް ވަނީ ސާފުކުރައްވާފައެވެ.



